ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ގެއްލިގެން ހޯދަމުން އަންނަ މީހާގެ ފޮޓޯ ފުލުހުން މިއަދު އާއްމުކޮށްފި އެވެ.

ފުލުހުންގެ ވެބް ސައިޓްގައި އާއްމުކޮށްފައިވާ ގޮތުން ގެއްލިގެން ހޯދަމުން ގެންދަނީ ސ. ހިތަދޫ، ވެސްޓްބީޗު، އަހުމަދު މިޝްފާގު އެވެ. ފުލުހުން ވަނީ އެމީހާ އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެ މައުލޫމާތެއް ފުލުހުންނާ ހިއްސާކުރުމަށް އެދިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ސަން" އަށް ވިދާޅުވީ ހުކުރު ދުވަހުގެ ރެއިން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން އަދި ވެސް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ފުލުހުން ހުރިހާ ސްޓޭޝަނަކުން ވެސް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާގެ ހޯދުމުގެ މަސައްކަތް ފުލުހުންގެ އިތުރުން އެމްއެންޑީއެފްގެ ކޯސްޓްގާޑައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ މުވައްޒަފުން ގެންދަނީ ކުރަމުންނެވެ. އެގޮތުން ކޯސްޓްގާޑުން ގެންދަނީ އޭނާ ހޯދުމަށް އެ ސަރަހައްދުގެ މޫދާއި ފަޅުގެ ސަރަހައްދު ހޯދަަމުންނެވެ.


ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުން އެމީހާ ގެއްލުނުކަން އެނގުނީ މިދިޔަ ހުކުރު ދުވަހު އޭނާ އަށް ރޭ ގަނޑު ބޭސްކާންދޭން އެތަނުގެ މުވައްޒަފުން ދިޔައިރު ނެތުމުންނެވެ.