15 Dec 2014, 13:31
އޭއެފްސީ އިން ބާއްވާ "އޭ" ލައިސެންސް ކޯހުގައި ދިވެހި ކޯޗަކަށް ބައިވެރި ވުމުގެ ފުރުސަތު އެފްއޭއެމް އިން ހުޅުވާލައިފިއެވެ.
ފާކިސްތާނުގެ ލާހޯރުގައި އަންނަ އަހަރު ފެބްރުއަރީ މަހުގެ ދެވަނަ ދުވަހުން މާޗު މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ބޭއްވުމަށް ހަމަޖެހިފައިވާ އެ ކޯހުގައި ބައިވެރިވުމަށް ރާއްޖެއަށް ލިބިފައިވަނީ އެންމެ ޖާގައެކެވެ.
އެ ކޯހުގައި ބައިވެރިވާން ބޭނުންވާ ކޯޗަކީ އޭއެފްސީ "ބީ" ލައިސެންސް ސެޓްފިކެޓް ހާސިލު ކޮށްފައިވާ ކޯޗަކަށް ވާން ޖެހެއެވެ. އަދި ކޯހުގެ ޕްރެކްޓިކަލް ސެޝަނުގައި ބައިވެރިވެވޭނެ ފިޓްނަސް އެއް ހުރި ކޯޗަކަށް ވާން ޖެހޭނެ ކަމަށް އެފްއޭއެމް އިން ބުންޏެވެ.
އެ ކޯހުގައި ބައިވެރިވުމަށް ސިޓީ ހުށަހެޅުމުގެ ސުންގަޑިއަކީ ބުދަ ދުވަހުގެ 14:00 ގެ ކުރިންނެވެ.
ކޯހަށްދާ ފަރާތް އަމިއްލައަށް ދަތަރުގެ ހަރަދުކުރަން ޖެހޭ އިރު ކެއުމާއި ހުރުމުގެ ހަރަދުތައް އެފްއޭއެމް އިން ހަމަޖައްސައިދޭނެ ކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.
ދެކުނު އޭޝިޔާ ގައުމެއްގައި ފުރަތަމަ ފަހަރަށް ބޭއްވުނު އޭ ލައިސެންސް ކޯހެއް ރާއްޖޭގައި ބޭއްވިއިރު އެ ކޯހުން އެއްވަނަ ހޯދީ ކްލަބް އީގަލްސްގެ ކޯޗު އިހުސާން އަބްދުލްޣަނީ (ސާންތީ) އެވެ.