ދައުލަތުގެ މީޑިއާ މިނިވަން ކުރުމަށް ގޮވާލައި ޑީއާރުޕީން ބޭއްވި މުޒާހަރާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ ބޯޑް މެންބަރު ނަހުލާ އަލީ ހަރަކާތްތެރިވަމުންދަނިކޮށް ސަންގެ ފޮޓޯ ޖާނަލިސްޓް އަލީ ނަސީރު ނަގާފައިވާ ފޮޓޯ ޑިލީޓް ކުރުވަން އޭނާ އަށް ބިރުދެއްކި މައްސަލަ ތަހުގީގުކޮށް، ފިޔަވަޅު އެޅުމަށް މޯލްޑިވްސް ނޭޝަނަލް ޖާނަލިސްޓް އެސޯސިއޭޝަން (އެމްއެންޖޭއޭ) އިން ގޮވާލައިފި އެވެ.

އެމްއެންޖޭއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނަނީ، އަލީ ނަސީރު ނެގި ނަހުލާގެ ފޮޓޯ ޑިލީޓްކުރުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން ގުރޫޕެއް ފޮނުވައި އޭނާ އަށް ބިރުދައްކައި، އެ ފޮޓޯ ފޮހެލުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ސިފަކުރާ ކަމަށެވެ.

އަދި އެ ބަޔާނުގައި ބުނެފައި ވަނީ، އެ "ފިނޑި" އަމަލު އެމްބީސީންނާއި މީޑިޔާ ކައުންސިލުންނާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ބަލައި އެފަރާތްތަކަށް ހައްގު އަދަބުދޭން ޖެހޭނެ ކަމަށެވެ.

"ގާނޫނީ ގޮތުން އުފެދިފައިވާ އެމްބީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި ނަހުލާ ހުރެގެން ނޫސްވެރިއަކަށް ބިރުދައްކައި ހިންގި މި އަމަލަކީ ހައްދުފަހަނައަޅާފައިވާ ނާތަހުޒީބު އަމަލަކަށްވެފައި، އަދި މި އަމަލަކީ ދިވެހި ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ނަމްބަރު : 90/10) ގެ 2 ވަނަ މާއްދާގެ (ކ) ބަޔާންކުރާ ޓެރަރިޒމްގެ ކުށަކަށް ވީހިނދު މިކަން ބަލައި ފިޔަވަޅު އަޅައި ދިނުމަށް، މޯލްޑިވްސް ބްރޮޑް ކާސްޓިން ކޯޕަރޭޝަނާއި، މޯލްޑިވްސް މީޑިޔާ ކައުންސިލަށާއި ހިޔުމަން ރައިޓްސް ކޮމިޝަނަށާއި ޕްރޮސިކިއުޓާ ޖެނެރެލަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށް ދިވެހި ނޫސްވެރިންގެ ގައުމީ ޖަމްއިއްޔާއިން އެންމެ ހަރުއަޑުން ގޮވާލައި އިލްތިމާސް ކުރަމެވެ،" އެމްއެންޖޭގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނަނީ މީޑިޔާގެ މިނިވަންކަމަށް ގޮވާލައި އަޑުއުފުލަމުން އަންނަ މިދުވަސްވަރުގައި މީޑިޔާގެ އިސްފަރާތެއްގެ ގޮތުގައި ހުރި މީހަކު ނޫސްވެރިއަކަށް އިންޒާރުދީ ބިރުދެއްކުމަކީ އެ ޖަމިއްޔާއިން ކަންބޮޑުވާ ކަމެއް ކަމަށެވެ.