މުޅި ދުނިޔޭގައި ވެސް މިހާރު މީހުން އެންމެ ކަންބޮޑުވާ އެއް މައްސަލަ ކަމުގައިވާ ފަލަވުމުން ދުރުކޮށް ބަރުދަން ލުއިކޮށްދޭ ކާނާގެ ބާވަތެއް ލަންޑަންގެ ކޮލެޖެއްގައި ކުރި ދިރާސާއަކުން ހޯދައިފި އެވެ.

މި ކާނާގެ ބާވަތަކީ ފެޓީ އެސިޑްގެ ބައެއް ކަމުގައިވާ "ޕްރޮޕިއޮނޭޓް"ގެ ނަންދީފައިވާ މާއްދާއެއް ކަމަށް، މި ދިރާސާގެ އެންމެ އިސްކޮށްއުޅުއްވި ޕްރޮފެސާ ގެރީ ފްރޮސްޓް އާ ހަވާލާދީ އެމެރިކާގެ ނޫސްތަކުގައި ޚަބަރު ފަތުރާފައިވެ އެވެ.
މި ދިރާސާގައި ކުރެވުނު ޓެެސްޓްތަކުގެ ނަތީޖާ އިން ހާމަވި ގޮތުގައި ކޮންމެ ދުވަހަކު ވެސް ކެއުމުގައި މި މާއްދާ ބޭނުންކުރެވޭ ނަމަ މަދުވެގެން ހަ މަސް ދުވަހުގެ ތެރޭގައި ކިތަންމެ ފަލަކޮށް ހުންނަ މީހެއް ވެސް ހިކިގެންދާނެ އެވެ.
"ޕްރޮޕިއޮނޭޓް" ހަމައެކަނި މި ބާވަތް އޭގެ ގޮތުގައި ކެއުމަށް ބޭނުންކުރަން ވަރަށް ނުބައިވާނެ އެެވެ. ވުމާ އެކު މިއާ އެންމެ ގާތްކުރާ މާއްދާއަކީ އެސެޓިކް އެސިޑް ނުވަތަ އާންމު ނަމުން ނަމަ ވިނެގާ ނުވަތަ ރާހުތެވެ. "ޕްރޮޕިއޮނޭޓް" އަކީ މިއަށްވުރެ ވެސް ހުތް ރަހައެއްދޭ މާއްދާއެކެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް