މާލެ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އަށް ކުރިމަތިވި ފެނުގެ ދަތިކަމާ ގުޅިގެން ޖަޕާނު ސަރުކާރުން ރާއްޖެ އަށް 100 މިލިޔަން ޖަޕަނީޒް ޔެން (843،060 އެމެރިކާ ޑޮލަރު)ގެ ހިލޭ އެހީއެއް ދީފި އެވެ.

އެމްޑަބްލިއު އެސްސީގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ޖަޕާނުން ހިލޭ އެހީ ދިނުމުގެ އެއްބަސްވުމުގައި ދެ ސަރުކާރުން ސޮއިކުރީ ފޮރިން މިނިސްޓްރީގައި މިއަދު އެކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު ދުންޔާ މައުމޫނެވެ. އަދި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުގެ އެމްބެސެޑާ އެމްބެސެޑަރު އެކްސްޓްރާ އޯޑިނަރީ މޮބްހީޓޯ ޕޯބޯ އެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު ދުންޔާ މައުމޫނު ވިދާޅުވީ ޖަޕާނުން ދިން އެހީގެ ބޭނުން ރާއްޖޭން ކުރާނީ އެންމެ ފައިދާ ހުރި ގޮތުގައި ކަމަށެވެ. އަދި ރާއްޖެ އަށް ޖަޕާނުން އަބަދުވެސް ވަމުން އަންނަ ދީލަތި އެހީއަށް ޓަކައި އެގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އެކަމަނާ ޝުކުރު އަދާކުރެއްވި އެވެ. އަދި ވިދާޅުވީ ޖަޕާނަކީ ރާއްޖެ އަށް އެހީތެރިވެދިނުމުގައި ސާބިތުކަމާ އެކު އޮތް ގައުމެއް ކަމަށެވެ.

"...ޖަޕާނަކީ ރާއްޖެއަށް އެހީތެރިވެދިނުމުގައި ސާބިތުކަމާ އެކު އަބަދުވެސް އޮތް ގައުމެއް، އަދި ރާއްޖޭގެ އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ މުހިއްމު ބައިވެރިއެއް. ކުރިމަގުގައި ވެސް ޖަޕާނު ސަރުކާރުން މިހާރު ލިބޭ ފަދަ އެއްބާރުލުން ލިބޭނެ ކަމަށް އަޅުގަނޑުމެން އުއްމީދުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރަކީ ޖަޕާނުން ގައުމުތަކުގެ ތަރައްގީ އަށް އެހީތެރިވާން ފެށިތާ 60 އަހަރު ފުރޭ އަހަރެވެ. އޮފިޝަލް ޑިވެލޮޕްމެންޓް އެސިސްޓެންސް (އޯޑީއޭ)ގެ ނަމުގައި ޖަޕާނުން ހިންގާ އެހީ ދިނުމުގެ ޕްރޮގްރާމްގެ ދަށުން ފާއިތުވި 60 އަހަރު ތެރޭގައި 185 ގައުމަކަށް 221 ބިލިޔަނަށް ވުރެ ގިނަ ޑޮލަރު ހަރަދުކޮށްފައިވެ އެވެ.