އިނގިރޭސި ޕްރިމިއާ ލީގުގައި އެ ޓީމް ވިދިވިދގެން ހޯދި ހަ ވަނަ ކާމިޔާބީއާ އެކު މެންޗެސްޓާ ޔުނައިޓަޑް ތާވަލްގެ ތިންވަނަ މާގާމުގައި ހަމަޖެހިލައިފި އެވެ.

މުބާރާތުގައި މިހާތަނަށް މުޅިއަކު 31 ޕޮއިންޓް ހޯދާފައިވާ ޔުނައިޓަޑް ކުޅުނު އެންމެ ފަހު މެޗުގައި ރޭ ބައްދަލުކުރީ ލިވަޕޫލް އާއެވެ. އެ މެޗު ޔުނައިޓަޑް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޔުނައިޓަޑްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް އެ ޓީމަށް ލީޑު ހޯދަދިނީ މެޗުގެ 12 ވަނަ މިނެޓުގައި އެ ޓީމްގެ ކެޕްޓަން ވޭން ރޫނީ އެވެ.

މެޗުގައި ޔުނައިޓަޑުން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމްގެ ޖުއާން މާޓާ ކާމިޔާބުކުރީ އޮފްސައިޑްގައި ހުރެ އެވެ. ނަމަވެސް މެޗުގައި ލައިންސްމަން ކަން ކުރި އޮފިޝަލަށް އެކަން ފާހަގަ ނުވުމުން، އެ ލަނޑު ވަނީ ލަނޑެއްގެ ގޮތުގައި ބަލައިގެންފަ އެވެ. ޔުނައިޓަޑަށް މެޗު ކަށަވަރުވެގެން ދިޔައީ މެޗުގެ 71 ވަނަ މިނެޓުގައި އެ ޓީމްގެ ރޮބިން ވެން ޕާސީ ކާމިޔާބުކޮށްދިން އެ ޓީމްގެ ތިންވަނަ ލަނޑާއެކު އެވެ.

އެ މެޗުގެ ނަތީޖާއާ އެކު ޔުނައިޓަޑް ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލްގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ފަސް ޕޮއިންޓު ގާތަށް ޖެހިލާފަ އެވެ. އަދި ތާވަލްގެ އެއްވަނައިގައި އޮތް ޗެލްސީއާ މެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު އަށް ޕޮއިންޓަށް އެ ޓީމް ކުޑަކޮށްލާފައިވާ އިރު، ޔުނައިޓަޑްގެ ކޯޗް ވެން ހާލް ބުނީ އޭނާ އަދި ލީގު ޓައިޓްލް އާމެދު ނުވިސްނާކަމަށެވެ.

"ރޭގެ މެޗާ މެދު ވަރަށް ހިންހަމަ ޖެހޭ. ނަމަވެސް ލީގު ޓައިޓަލްއާ މެދު އަދި ވިސްނޭކަށް ނެތް. ލީގުގައި ޔުނައިޓަޑް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އެސްޓަން ވިލާއާ ބައްދަލުކުރާނީ އެ ޓީމްގެ ސްޓޭޑިއަމްގައި. އެ މެޗު ކާމިޔާބުކުރުން ވަރަށް މުހިންމު. ނަމަވެސް އަވޭ މެޗުތައް ކާމިޔާބުކުރަން ޔުނައިޓަޑަށް އަދިވެސް ދަތި،" ވެން ހާލް ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލާގުގައި މި ސީޒަންގެ ފެށުން ރަނގަޅު ނުކުރެވުމުން ގިނަ ފާޑު ކިޔުންތަކަކާ ކުރިމަތިލާން ޖެހުނު ޔުނައިޓަޑް ފޯމަކަށް އެޅި ކުޅުން ރަނގަޅުކޮށްފައި ވަނީ މި ސީޒަންގެ މެދުތެރެއިންނެވެ. މި ފަހަރުގެ ސީޒަންގެ ފެށުމުގައި ޔުނައިޓަޑް ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން ބަލިވި އިރު، އެ ޓީމް ވަނީ ދެ މެޗުން އެއްވަރުވެ، އެއް މެޗުން މޮޅުވެފަ އެވެ.