15 Dec 2014, 13:12
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވެރިކަން ހަވާލުކުރުމަށް ގޮވާލައި އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރެއް ފާސްކުރި މައްސަލާގައި ފިޔަވަޅު އެޅުމަށް ޕްރޮސިކިއުޓާ ޖެނެރަލް އިލެކްޝަންސް ކޮމިޝަނަށް އަންގަވައިފި އެވެ.
ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން އިލެކްޝަންސް ކޮމިޝަނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރެވޭނެ ގޮތްތަކާއި ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުތައް އުފުއްލާނެ ގޮތްތަކާއި ވަގުތީ ގޮތުން އެމަގާމުގެ މަސްއޫލިއްޔަތު ހަވާލު ކުރެވޭނެ ފަރާތްތަކާއި ހާލަތުތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އިރު، ގާނޫނު އަސާސީއާ ޚިލާފަށް ސިޔާސީ ޕާޓީތަކުން ގަރާރުތައް ފާސް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އެފަދަ ފަރާތްތައް މިހާރަށް ވުރެ ޒިންމާދާރު ކުރުވުމަށް ޓަކައި ގާނޫނީ ގޮތުން އެޅެން ހުރި ފިޔަވަޅު އެޅުމަށް ދަންނަވާ ކަމަށް އެ ސިޓީގައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމާ ވެރިކަން ހަވާލު ކުރުމާ ގުޅޭ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދެވެ.
އެމަނިކުފާނުގެ ހުށަހެޅުމާ އެއްގޮތަށް ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ގާސިމާ ވެރިކަން ހަވާލުކުރަން ގަރާރު ފާސްކޮށްފައި ވަނީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.
އެ ގަރާރު ފާސްވީ، 44 މެންބަރުން ހާޒިރުވި ބައްދަލުމުގައި 37 ބޭފުޅުން ވޯޓު ދެއްވައިގެންނެވެ. އެ ގަރާރު ފާސް ކުރުމަށް ނުފެންނަ ކަމަށް ދެ ބޭފުޅުން ވޯޓު ދެއްވި އިރު ވަކި ކޮޅަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ހަތަރު ބޭފުޅުން ތިއްބެވި އެވެ.
އެ ގަރާރު އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހަޅުއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ ބާވަތަށް ބަލައި އެންމެ ރަނގަޅު ގޮތަކީ ގާސިމަށް ވަގުތީ ގޮތުން ވެރިކަން ހަވާލުކުރުން ކަމަށެވެ.