15 Dec 2014, 12:30
ވިޔަފާރީގެ ފައިދާ އިން ނެގާ ޓެކްސްގެ ގަވާއިދު އިސްލާހުކޮށް "ޓެކުސް ރޫލިން" އަށް އިއްޔެ އިން ފަށައިގެން އަމަލުކުރަން ފަށައިފި އެވެ.
ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއު ކޮށްފައިވާ ޓެކުސް ރޫލިންގައި ގަވާއިދުގައި ބުނެފައި ވަނީ އިސްލާމްދީން ކުރިއެރުވުން، ފަގީރުންނަށް އެހީވުން ސިއްހީ ހިދުމަތް ދިނުން ނުވަތަ ތައުލީމު ދިނުމުގެ މަގްސަދުގައި އުފައްދާފައިވާ ޖަމާއަތެއް ނުވަތަ ޖަމިއްޔާއެއް ނުވަތަ އާންމު އިދާރާއަކަށް ހަދިޔާ ކުރާ ފައިސާއަކީ އެ ފައިސާ ދިން ޓެކްސް އަހަރުގެ ހިސާބުން އުނިކުރެވޭނެ ކަމަށެވެ.
މި ގާނޫނުގައި ބަޔާންކޮށްފައިވާ ޖަމިއްޔާ ނުވަތަ ޖަމާއަތްތަކަކީ ގާނޫނު ނަންބަރު 2003/1 (ޖަމިއްޔާތަކުގެ ގާނޫނު)ގެ ދަށުން ސަރުކާރުގެ ކަމާ ބެހޭ އިދާރާއެއްގައި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއަކަށް ނުވަތަ ޖަމާއަތަކަށް ވާންޖެހެ އެވެ. ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ދިވެހި ރާއްޖޭގައި އުފައްދާފައިވާ ފަރާތަކަށް ވާންޖެހެ އެވެ.
އަދި އެ ގާނޫނުގައި ބަޔާންކޮށްފައިވާ އާންމު އިދާރާތަކަކީ އާންމު ހިދުމަތެއް ފޯރުކޮށްދޭ އިދާރާއެއްކަމުގައި ވާންޖެހެ އެވެ. އަދި އެ އިދާރާއެއްގެ ހަރަދުތައް އެއްކޮށް ނުވަތަ މައިގަނޑު ގޮތެއްގައި ކުރަނީ ދައުލަތުގެ ބަޖެޓުން ކަމުގައިވާން ޖެހެއެވެ.
މީގެއިތުރުން މި ގާނޫނުގައި ބުނެފައިވާ އާންމު މަންފާއެއް ކުރިއެރުމުގެ މަގްސަދުކަމަށް ބަޔާންކޮށްފައި ވަނީ އިންސާނީ އެހީ ފޯރުވައި ދިނުމާއި ތިމާވެށި ހިމާޔަތް ކުރުމާއި އިޖްތިމާއީ ދުޅަހެޔޮކަމާއި ފުދުންތެރިކަން އިތުރުކުރުމެވެ. އަދި ސަގާފީ ހަރަކާތްތައް ކުރިއެރުވުމާއި ކުޅިވަރުގެ ހަރަކާތް ކުރިއެރުވުމާއި އިގްތިސާދީ ދާއިރާއެއް ކުރިއެރުވުން ވެސް މި ގާނޫނުގެ ދަށުގައި ހިމެނެ އެވެ.
މިފަދަ ޖަމިއްޔާ ނުވަތަ ޖަމާއަތްތަކުން މިރާއިން ވަކި ހާއްސަ ހުއްދައެއް ހޯދަންޖެހެ އެވެ. އެފަދަ ފަރާތްތަކުން ޗެރެޓިބަލް އޯގަނައިޒޭޝަންތައް ރަޖިސްޓްރީކުރުމުގެ ފޯމެއް ހުށަހަޅަންޖެހެ އެވެ. އަދި އެފޯމުގައި ހިމެނިފައިވާ އެންމެހާ ލިޔެކިއުންތައް އެ ފޯމާ އެކު މީރާއަށް ހުށަހަޅަންޖެހެ އެވެ. އެހެންނަމަވެސް މި ރޫލިން ނެރޭ ތާރީހުގެ ނިޔަލަށް މިރާއިން ހުއްދަ ހޯދައިފައިވާ ޖަމިއްޔާއެއް ނުވަތަ ޖަމާއަތެއް އަލުން ފޯމް ހުށަހަޅާކަށް ނުޖެހެ އެވެ.
މިފަދަ ޖަމިއްޔާ އަދި ޖަމާއަތްތަކުން ކޮންމެ އަހަރެއްގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ކުރިން މީރާ އަށް ހުށަހަޅަން ޖެހެ އެވެ. އެގޮތުން އަހަރީ ރިޕޯޓަކާއި އެ އަހަރެއްގައި ލިބުނު ކޮންމެ ހަދިޔާއަކާ ގުޅޭ މައުލޫމާތު ހިމެނޭ ސްޓޭޓްމަންޓެއް މީރާ އަށް ހުށަހަޅަންޖެހެ އެވެ.
މި ރޫލިން އަށް އަމަލުކުރަން ފެށުމުން 3 މޭ 2012ގައި ނެރެފައިވާ ޓެކުސް ރޫލިން ވަނީ އުވާލައިފަ އެވެ.