ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރުމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުގައި ރޭ ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީން ފްރީ ލައިން ވިޕެއް ނެރުމުން ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަހުމަދު އަދީބު ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމަށް ޝުކުރު އަދާކުރައްވައިފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޝުކުރު އަދާކުރައްވައި އަދީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ރޭ ނެގި ވޯޓުގައި އަބްދުﷲ ސައީދަށް ވޯޓު ދެއްވަން އެއްބަސްވެފައިވާ ގޮތަށް ޖޭޕީގެ މެންބަރުންނަށް ފްރީ ވިޕެއް ނެރެދެއްވާފައި ވާތީ ޝުކުރު އަދާ ކުރައްވާ ކަމަށެވެ.

އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް 55 މެމްބަރުން ވަނީ ވޯޓު ދެއްވާފައި އެވެ. އެހެންނަމަވެސް ވޯޓުގައި ބައިވެރިނުވެ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ވޯކް އައުޓު ކުރައްވާފައި އެވެ.

އުއްތަމަ ފަނޑިޔާރު ކަމުގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ނެގި ވޯޓުގައި ވެސް ޖުމްހޫރީ ޕާޓީން ވަނީ ފްރީ ލައިން ވިޕެއް ނެރެފަ އެވެ.