ހުވަދޫ ރެކްރިއޭޝަން ކްލަބުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ހުވަދޫ ރެކްރިއޭޝަން ތިނަދޫ ޗެލެންޖް ކަޕް 2014' ގައި ބަރާސިލާ ބައްދަލުކުރި ދެވަނަ މެޗުންވެސް މޮޅުވެއްޖެއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ބަރާސިލާއިން ކުޅެފައިވާއިރު އެމެޗުން ބަރާސިލާ މޮޅުވީ ހޭއްޔަންބޯ އާ ބައްދަލުކޮށް 2-0 ލަނޑުންނެވެ.

އިއްޔެ ކުޅުންމެޗު ބަރާސިލާއިން ކާމިޔާބުކުރީ ޑީއެފް ބާސާ އާ ބައްދަލުކޮށް 4-1 ލަނޑުންނެވެ. މެޗުގެ ފުރަތަމަ ލަނޑު 31 ވަނަ މިނެޓްގައި ކާމިޔާބުކުރީ ބަރާސިލާގެ އަހްމަދު ޒައިދު މުހައްމަދު ނައީމެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަރާސިލާ އިން ވަނީ ދެވަނަ ގޯލެއް ޖަހާ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ޑީއެފްބާސާގެ ކުޅުން ރަގަޅުކޮށް މެޗުގެ 77 ވަނަ މިނެޓްގައި ބަދަލު ކުޅުންތެރިއެއްގެގޮތުގައި ކުޅެން ނުކުތް ހަސަން ރަޝީދު ވަނީ އެޓީމަށް ގޯލެއް ކާމިޔާބުކޮށްދީފައެވެ. ނަމަވެސް އޭގެ ނުވަ މިނެޓުގެ ފަހުން ބަރާސިލާއިން އަނެއްކާވެސް ލަނޑެއް ޖެހިއެވެ. މެޗުގެ 86 ވަނަ މިނެޓުގައި ބަރާސިލާއަށް އެގޯލު ޖަހައިދިނީ މުހައްމަދު އަރީފް (ބަކާ) އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ބަރާސިލާގެ ފަހު ލަނޑު ޖެހީ އެ ޓީމުގެ އަހްމަދު ބިލާލެވެ.

އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވީ ބަރާސިލާ ޓީމުގެ ބަކާ އެވެ.

މުބާރާތުގައި މިއަދު ކުޅޭ މެޗުގައި ބައްދަލު ކުރާނީ ސެންޓަ ފޮކްސެސް އާ ހޭޔަންބޯއާ އެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތުގައި މިފަހަރު ގދ. ތިނަދޫގެ ފަސް ޓީމެއް ބައިވެރި ވެފައި ވެއެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖް ގެންދަން ހަމަޖެހިފައި ވަނީ ލީގު އުސޫލުންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއްވެސް ހަތަރު މެޗު ކުޅެން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ފައިނަލް މެޗުގައި ބައްދަލުކުރާނީ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ލިބޭ ދެ ޓީމެވެ.

މުބާރާތުގައި ރެފްރީކަންކުރާ އޮފިޝަލުން ވަނީ ރާއްޖޭގެ ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ވެނިޝިންގް ސްޕްރޭ އާއި ހެޑްސެޓު ބޭނުންކޮށްފަ އެވެ. މުޅި ހުވަދޫ އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ އެ މުބާރާތަކީ އެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ. އެ މުބާރާތުގެ ޗެންޕިއަން ޓީމަށް ފައިސާގެ އިނާމްގެ ގޮތުގައި 100،000 ރުފިޔާ ދޭން ހަމަޖެހިފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 50،000 ރުފިޔާ ދޭން ހަމަޖެހިފަ އެވެ.