ރާއްޖެއަކީ ތެޔޮ ނަގާ ގައުމެއް ނޫނެވެ. ނުވިތާކަށް އެހެން ގައުމަކުން ގެނެސްގެން ސާފެއް ވެސް ނުކުރެ އެވެ. ހުރިހާ ތެލެއް ވެސް ރާއްޖެ އަށް ކުރަނީ އިމްޕޯޓެވެ. ތެލުގެ އަގަށް ބަދަލު އަންނަ ހާލަތްތަކުގައި ރާއްޖެ އިން ވެސް އެބަދަލު ފެންނަން ޖެހެ އެވެ.

މިއަހަރުގެ އޮގަސްޓް މަހުން ފެށިގެން ދުނިޔޭގެ ބާޒާރުގައި ތަފާތު ސަބަބުތަކާ ހެދި ތެލުގެ އަގު އައީ ހެޔޮވަމުންނެވެ. ނަމަވެސް ރާއްޖޭގައި އެންމެ ފަހުން ތެޔޮ އަގު ހެޔޮކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ. އެގޮތުން ހެޔޮ ކުރީ 1.25 ރުފިޔާ އެވެ. ދުނިޔޭގެ ބާޒާރުގައި އޭރު ތެޔޮފީފާއެއް ހުރީ 88 ޑޮލަރަށް ވުރެ މަތީގަ އެވެ. އޭގެ ފަހުން ކޮންމެ މަހަކު ވެސް ހެޔޮވަމުން އައިސް މިހާރު ތެޔޮފީފާއެއްގެ އަގު ހުރީ 58 ޑޮލަރަށް ވުރެ ދަށުގަ އެވެ.

ރާއްޖޭގައި ވިއްކާ ހުރިހާ އެއްޗަކާއި ކުރާ ހުރިހާ މަސައްކަތެއްގެ އަގާ ގުޅިފައިވާ މި މުހިއްމު ކޮމޯޑިޓީގެ އަގު ދުނިޔޭގެ ބާޒާރުގައި މިހާ ބޮޑަށް ދަށަށް ދާއިރު އެ ތަފާތު ރައްޔިތުންނަށް ފެންނަން ޖެހެ އެވެ. އެކަން އެހެން ވާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި އިތުރަށް ހަރުދަނާކޮށް ބާރަށް ކުރިއަށް ދިޔުމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އިގްތިސާދީ މަސައްކަތް، މަސްވެރިކަން ވެސް ގުޅިފައި ވަނީ ތެލާ އެކު ކަމުން އެކަމަށް ދޭން ޖެހޭ ސަމާލުކަން ބޮޑުކުރަން ޖެހެ އެވެ. އަދި އެނޫން ވެސް އިގްތިސާދީ ގިނަ އިންޖީނުތައް ގުޅިފައިވަނީ ވެސް ތެލާ ލައިމެހިގެން ކަމުން ދުނިޔޭގެ ތެލުގެ އަގަށް އަންނަ ބަދަލު ރާއްޖޭގެ ބާޒާރުން ވެސް ފެންނަން ޖެހެ އެވެ.