ސައުތު އެފްރިކާގެ ރީތީގެ ރާނީ ދުނިޔޭގެ ރީތީގެ ރާނީގެ ލަގަބު ވެސް ހޯދައިފި އެވެ.

ޑެއިލީ ނިއުސް އިން ބުނީ ލަންޑަންގައި އިއްޔެ ބޭއްވި ހަފްލާއެއްގައި ރޮލޭން ސްޓަރައުސް،22، އެ މަގާމު ހޯދީ މިސް ހަންގޭރީ، އެޑީނާ ކްލްސްކާ އާއި އަދި މިސް ޔުނައިޓެޑް ސްޓޭޓްސް އެލިޒަބަތު ސަފްރިޓްއާ ވާދަކޮށްގެން ކަމަށެވެ. އެލިޒަބަތަށް ލިބުނީ ތިން ވަނަ މަގާމެވެ.

ސްޓަރައުސްގެ ބޮލުގައި ދުނިޔޭގެ ރީތީގެ ރާނީގެ ތާޖު އަޅުވައިދިނީ، 2013 ވަނަ އަހަރު ދުނިޔޭގެ ރީތީގެ ރާނީގެ ޝަރަފު ހޯދި، ފިލިޕީންސްގެ މެގާން ޔަންގް އެވެ.

މިދިޔަ މަހު 20ގައި ފެއްޓި ދުނިޔޭގެ ރީތީގެ ރާނީ ހޮވުމުގެ 64 ވަނަ މުބާރާތުގައި ދުނިޔޭގެ 121 ގައުމަކުން ކުދިން ބައިވެރިކުރި އެވެ.

މުބާރާތުގައި ވަނަ ހޮވުމަށް ބަލާ މިންގަނޑުތަކުގެ ތެރޭގައި ބީޗު ފެޝަން އާއި ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ކުޅިވަރުގެ ހުނަރާއި މީޑިއާގެ ސުވާލުތަކަށްދޭ ޖަވާބާއި މޮޑެލް ކުރުމުގެ އިތުރަށް އަމިއްލަ ޓެލެންޓް ވެސް ބަލަ އެވެ.
ސްޓަރައުސް އެ މަގާމު ހާސިލުކުރީ އަންހެނުންގެ ކުރިއެރުމަށް އޭނާގެ ހުންނަ ޝައުގާއި ހެލްތު އެެޑިޔުކޭޝަނަށް ދޭ ސަމާލުކަމަށް ބެލުމަށް ފަހު އެވެ.