15 Dec 2014, 10:20
ނޭޕާލްގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބާއްވާ ސައުތު އޭޝިއަން ވިމަންސް ވޮލީބޯލް ޗެންޕިއަންޝިޕް 2014ގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު ފުރައިފި އެވެ.
ނޭޕާލް ވެރިރަށް ކަތަމަންޑޫގައި ބާއްވަން ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމު ފުރާފައި ވަނީ މިއަދު ހެނދުނު އެވެ. އެ ދަތުރުގައި ސިނިއާ ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ފަސް އޮފިޝަލުން ވެސް ބައިވެރިވެފައިވެ އެވެ.
މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން 23 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ހަތަރު ގައުމެއް ބައިވެރިވެފައިވެ އެވެ. އެއީ ބަންގްލަދޭޝް އާއި އިންޑިއާ އާއި ނޭޕާލް އަދި ސްރީލަންކާ އެވެ. އެ މުބާރާތުގައި އަފްގާނިސްތާން ބައިވެރިވުމަށް ފަހު މާލީ ދަތިކަން ހުރުމުގެ ސަބަބުން އެ ޓީމް މުބާރާތުން ވަކިވެފައިވާ އިރު، ބޫޓާން އާއި ޕާކިސްތާން އެ މުބާރާތުގައި ބައިވެރިވެފައި ނުވަނީ އެ ގައުމުތަކުގެ ގައުމީ އަންހެން ވޮލީ ޓީމެއް ނެތުމުންކަމަށް ނޭޕާލްގެ ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މިއީ ސައުތު އޭޝިއަން ވިމަންސް ވޮލީބޯލް ޗެންޕިއަންޝިޕް 2014ގެ ނަމުގައި ދެކުނު އޭޝިއާގެ ގައުމުތަކުގެ އަންހެން ވޮލީ ޓީމުތަކަށް ހާއްސަކޮށް މިފަދަ މުބާރާތެއް ބާއްވާ ފުރަތަމަ ފަހަރެވެ. މުބާރާތް އިންތިޒާމް ކުރާ ފަރާތް ކަމަށްވާ ނޭޕާލްގެ ވޮލީބޯޅަ އެސޯސިއޭޝަނުން ބުނީ މި މުބާރާތުގެ ބޭނުމަކީ ދެކުނު އޭޝިއާގައި އަންހެނުންގެ ވޮލީބޯޅަ ކުރިއެރުވުން ކަމަށާއި، ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުން ކަމަށެވެ.