މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ)ގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މާލޭގެ ރައްޔިތުން ފެނުގެ ދަތިކަން އިހުސާސްކުރަން ޖެހުމުން، މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދޭން އައި ޗައިނާ އަސްކަރީ މަނަވަރު ރާއްޖެ އިން ފުރައިފި އެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީގެ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ، ރާއްޖޭގައި އަށް ދުވަސް ހޭދަކުރުމަށް ފަހު ޗައިނާ އަސްކަރިއްޔާގެ މަނަވަރު، ޗަން ޝިންޑާއޯ ރާއްޖެއި ން ފުރާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.

މިމަހުގެ ހަތް ވަނަ ދުވަހު ރާއްޖެއައި އެ މަނަވަރު މާލޭގައި ބަދަރުކުރި ފުރަތަމަ ދުވަހު އެކަނި ވެސް މާލެއަށް 630 ޓަނުގެ ފެން ފޯރުކޮށްދީފައިވެ އެވެ. އަދި ދުވާލަކު 90 ޓަނުގެ ފެން އުފެއްދުމުގެ ގާބިލްކަން ހުރި އެ މަނަވަރުން ވަނީ، އޭގެ ފަހުން 60 ޓަނަށް ވުރެ ގިނަ ފެން ކޮންމެ ދުވަހަކު މާލެއަށް ފޯރުކޮށްދީފަ އެވެ.

މާލޭ ފެނަށްޖެހުމާ އެކު އެހީތެރިވާން އައި އެ މަނަވަރަށް ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ޒިޔާރަތްކުރައްވައި ވެދެއްވި އެހީތެރިކަމަށް ޝުކުރުއަދާ ކުރައްވާފަ އެވެ.

މީގެ އިތުރުން، އެ މަނަވަރުގެ މިޝަން ކޮމާންޑިން އޮފިސަރު، ސީނިއާ ކެޕްޓަން ޑޮންގް ޒެންގް ވަނީ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފަ އެވެ.