15 Dec 2014, 10:15
އެމްޑަބްލިއުއެސްސީގެ އިންޖީނު ރޫމްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން މާލެ އަށް ކުރިމަތިވި ފެނުގެ މައްސަލަ މިހާރު މުޅިން ހައްލުވެ، އާއްމު ހާލަތަށް ބަދަލުވެފައިވާ ކަމަށް ޓާސްކް ފޯސް އިން ބުނެފި އެވެ.'
ފެނުގެ މައްސަލަ ހައްލުކުރުމަށް ޓަކައި ސަރުކާރުން އުފެއްދި ޓާސްކް ފޯހުގެ ޗެއާމަން މުހައްމަދު ނާޒިމް މިއަދު "ސަން" އަށް ވިދާޅުވީ މާލެ އަށް ކުރިމަތިވި ފެނުގެ މައްސަލަ މިއަދުން ފެށިގެން މުޅިން ހައްލުވެ، ކުރިއެކޭ ވެސް އެއްގޮތަށް ފެން ލިބެމުން ދާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ ސިންގަޕޫރުން ގެނައި އާ ޕެނަލް ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
"ފެނުގެ މައްސަލަ މިހާރު އެވަނީ މުޅިން ހައްލުވެފައި، އާ ޕެނަލް ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ،" މިނިސްޓަރު ވިދާޅުވި އެވެ.
ފެނުގެ މައްސަލަ ދިމާވި ދުވަހުން ފެށިގެން އެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން ގެންދިޔަ މަސައްކަތުގެ ދަށުން ކޮންމެ ދުވަހަކު އެއް ގަޑިއިރަށް ދުވާލަކު ދެ ފަހަރު ފެން ދޫކުރަމުން ގޮސް، ފެން ދޫކުރާ ގަޑި އިތުރުކުރި އެވެ. ފެނުގެ މައްސަލަ ދިމާވިތާ ހަތް ދުވަސް ފަހުން، ޓެސްޓަކަށް 24 ގަޑިއިރަށް ފެން ދޫކުރަން ފެށި އެވެ. އަދި އޭގެ ފަހުން މިހާތަނަށް ފެނުގެ މައްސަލަ އެއްވެސް ވަރަކަށް ޖެހިފައެއް ނުވެ އެވެ.
މާލެ އަށް ކުރިމަތިވި ފެނުގެ މައްސަލައާ ގުޅިގެން އަވަށްޓެރި ބައެއް ގައުމުތަކުން ރާއްޖެ އަށް ފެނުގެ އެހީތެެރިކަން ފޯރުކޮށްދީފައިވެ އެވެ. އެގޮތުން އިންޑިއާ ޗައިނާއި ބަންގްލަދޭޝް އަދި ސްރީލަންކާ އިން ވަނީ ރާއްޖެ އަށް ފެން ފޯރުކޮށްދީފަ އެވެ.
ފެނުގެ މައްސަލަ ހައްލުވެފައިވާކަން ބަޔާންކޮށް ޓާސްކްފޯސް އިން ރޭ ނެރެފައިވާ ނޫސްބަޔާނެއްގައި މާލެ އަށް ކުރިމަތިވި ފެނުގެ މައްސަލަ ހައްލުކުރުމަށް ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމާއި ކެތްތެރިކަމަށްޓަކައި ޓާސްކް ފޯސްގެ ފަރާތުން ވަނީ ޝުކުރުއަދާކޮށްފަ އެވެ.