15 Dec 2014, 09:48
ގދ. ތިނަދޫން މަހަށް ނުކުމެ އުޅުނު ދޯންޔެއްގެ ވަތަށް ވެއްޓި މީހަކު މަރުވެއްޖެ އެވެ.
ތިނަދޫ ކައުންސިލް މެމްބަރު އަބްދުﷲ ސަނީފް މިއަދު "ސަން" އަށް ވިދާޅުވީ އިއްުޔެ މެންދުރު ހިނގި އެ ހާދިސާގައި މަރުވެފައި ވަނީ ތިނަދޫ، އުނިމާގެ މުހައްމަދު އަސްލަމް 35، ކަމަށެވެ.
އޭނާ ވިދާޅުވީ "ކަޅިރަވަ" ނަމަކަށް ކިޔާ އެ ދޯންޔަކީ 100 ވަރަކަށް ފޫޓުގެ ދޯންޔެއް ކަމަށާއި އެ ހާދިސާ ހިނގީ އެމީހާ އެ ދޯނީގެ ވަތު ތެރެއަށް އެން ނަގަން ފައިބާ އުޅެނިކޮށް ކަމަށް ދޯނީ ފަޅުވެރިންގެ ފަރާތުން އެނގިފައިވާ ކަމަށެވެ.
"ދޯނީގެ މީހުން ބުނާ ގޮތުން އޭނާ ވަތަށް ފޭބީ އެން ނަގަން، އެހެން ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ފެނުނީ ހަބަރު ހުސްވެފައި ވަތު ތެރޭގައި އޮއްވާ، ރަށު ތެރޭގައި މީހުން ކިޔާ އެނާ ވަތުން ނެގި އިރު ވެސް ފުރާނަ ހުރިއޭ،" ސަނީފް ވިދާޅުވި އެވެ.
އެ ހާދިސާ ހިނގުމާ އެކު ދޯނީގެ މީހުން ވަނީ އޭނާ ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އެހެންނަމަވެސް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އެމީހާ އޮތީ މަރުވެފައި ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށް ތިނަދޫ ކައުންސިލުން ބުންޏެވެ.