15 Dec 2014, 09:48
އޮސްޓްރޭލިއާގެ ސިޑްނީގެ ކެފޭއަކަށް މީހަކު ބަޑި ހިފައިގެން ވަދެ އެތަނުގައި ތިބި ގިނަ ބަޔަކު ރަހީނުކޮށްފި އެވެ.
އޮސްޓްރޭލިއާ ފުލުހުންނާ ހަވާލާދީ ސިޑްނީ މޯނިން ހެރަލްޑް ނޫހުން ބުނީ ކެފޭއަށް ބަޑިހިފައިގެން ވަން މީހާގެ އަމުރަށް އެތަނުގެ ކުޑަ ދޮރެއްގައި އަރަބި އަކުރުތަކެއް ލިޔެފައިވާ ކަޅު ދިދައެއް އެލުވާފައިވާ ކަމަށާއި އޭނާ އެދެނީ ކޮން ކަމެއްކަން އަދި ނޭނގޭ ކަމަށެވެ. އަދި ބުނީ ކެފޭ ތެރޭގައި ރަހީނުވެފައި ތިބީ ކިތައް މީހުން ކަން ވެސް އަދި ނޭނގޭ ކަމަށެވެ.
ލިންޑްޓް ޗޮކްލެޓް ކެފޭ ނަމަކަށް ކިޔާ އެތަނުގައި ރަހީނުވެފައި ތިބި މީހުން ސަލާމަތްކުރެވޭތޯ އޮސްޓްރޭލިއާ ފުލުހުން އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެތަނަކީ އޮސްޓްރޭލިއާ ސަރުކާރުގެ ވަރަށް މުހިއްމު އިމާރާތްތަކާއި ކައިރީގައިވާ ތަނެކެވެ. އެފަދަ އިމާރާތްތަކުގެ ތެރޭގައި އެގައުމުގެ ރިޒާވް ބޭންކާއި ކޮމަންވެލްތު ބޭންކާއި އެމެރިކާގެ ކޮންސިއުލޭޓް ހިމެނެ އެވެ.
މީހުން ރަހީނުކުރި ހާދިސާއާއި ގުޅިގެން އޮސްޓްރޭލިއާގެ ގައުމީ ސަލާމަތާ ބެހޭ އިދާރާތަކުގެ ވެރިން ގެންދަވަނީ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
އޮސްޓްރޭލިއާ ފުލުހުން ބުނެފައި ވަނީ އެމައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރަން މަސައަކަތް ކުރަމުން އަންނަ ކަމަށެވެ.