15 Dec 2014, 09:38
ޣައްޒާ (ޑިސެމްބަރު15): ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ އެންމެ ބޮޑު އެއްޖަމާއަތް ކަމަށްވާ ޙަމާސް ޖަމާއަތް އުފެދުނުތާ 27 އަހަރުފުރުން އެޖަމާއަތުން ފާހަގަކޮށްފި އެވެ.
މިމުނާސަބަތާ ގުޅިގެން ޙަމާސްގެ އަސްކަރީ ގޮފި ޢިއްޒުއްދީން އަލްގައްސާމްގެ މުޖާހިދުން ވަނީ ޣައްޒާގެ ބޮޑެތި މަގުތަކުގައި އަސްކަރީ ޕެރޭޑްތަކެއް ބާއްވާފަ އެވެ. އަދި މިޕެރޭޑްތަކުގައި ޙަމާސް އިން ވަނީ އެޖަމާއަތުން އުފައްދާ ހަތިޔާރުތައް ވެސް ދައްކާލާފަ އެވެ. ޙަމާސްއިން ދައްކާލި ހަތިޔާރުތަކުގެ ތެރޭގައި މުޅިން ކުރިން އެޖަމާއަތުން ބޭނުންކުރި ރޮކެޓްގެ އިތުރުން އައު ޓެކްނޮލޮޖީގެ ރޮކެޓާއި ޓޭންކާ ދެކޮޅަށް ބޭނުންކުރާ ހަތިޔާރާއި އެޖަމާއަތުން އުފައްދައި އިސްރާއީލާ ދެކޮޅަށް ކާމިޔާބުކަމާ އެކު ބޭނުންކޮށްފައިވާ އަސްކަރީ ޑްރޯން މަތިންދާބޯޓުތައް ފަދަ ބަރުހަތިޔާރުތައް ހިމެނެ އެވެ.
މީގެ ތެރެއިން ހަމާސްގެ ރޮކެޓްތަކަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އުދުވާނާ ދެކޮޅަށް އެޖަމާއަތުން އެންމެ ކާމިޔާބުކަމާ އެކު ބޭނުންކުރި ހަތިޔާރެވެ. ހަމާސުން ވަނީ ތިން ކިލޯ މީޓަރުގެ ރާސްތާއަކަށް އެންމެ ފުރަތަމަ އުފެއްދި ރޮކެޓްގެ ރާސްތާ 100 ކިލޯ މީޓަރަށް އިތުރު ކުރުމުގައި ޓެކްނޮލޮޖީގެ ގޮތުން ކާމިޔާބު ހޯދާފަ އެވެ. ހަމާސްގެ ރޮކެޓްތައް ހުއްޓުވުމަށް އިސްރާއީލުން ގާއިމްކޮށްފައިވާ މިސައިލް އައްޑަނައިގެ ނިޒާމް (އަންޑޯމް) ވަނީ އެރޮކެޓްތައް ހުއްޓުވުމުގައި ނާކާމިޔާބުވެފަ އެވެ.
ޙަމާސްއަކީ އިސްރާއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރުން ފަލަސްތީނުގެ ބިންތައް މިނިވަން ކުރުމަށް ޓަކައި ފަލަސްތީނުގެ އާންމު ރައްޔިތުންގެ ތެރެއިން އުފެދިގެންދިޔަ ޖަމާއަތެކެވެ. 1987 ގައި އެޖަމާއަތް އުފެއްދި މުއައްސިސުންގެ ތެރޭގައި ހިމެނޭ އެންމެ އިސް ބޭފުޅަކީ ފަލަސްތީނުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް އަޙްމަދު ޔާސީން އެވެ. ފާއިތުވި އަހަރުތަކުގައި އިސްރާއީލުގެ އިސްތިޢްމާރީ ބާރުތަކުންވަނީ ހަމާސްގެ އިސް މުޖާހިދުންނާއި އެޖަމާއަތުގެ މުއައްސިސުންގެ ތެރެއިން ގިނަ ބޭފުޅުން ޝަހީދުކޮށްލާފަ އެވެ. މިގޮތުން އައްޝައިޚް އަޙްމަދު ޔާސީން އާއި ޑރ. އަބްދުލްއަޒީޒް އައްރަންތީސީ ވަނީ އިސްރާއީލުން ހިންގަމުން ގެންދާ ސްޓޭޓް ޓެރަރިޒަމްގެ ހަމަލާތަކުގައި ޝަހީދުކޮށްލާފަ އެވެ.
ހަމާސް ނައްތާލުމަށްޓަކައި އިސްރާއީލުން އެތަށް ހަނގުރާމައެއްކޮށް ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއް ހިންގާފައިވީ ނަމަވެސް އެޖަމާއަތާ ކުރިމަތިލައިގެން އިސްރާއީލަށް އަސްކަރީގޮތުން އެއްވެސް ކާމިޔާބީއެއް މިހާތަނަށް ލިބިފައެއްނުވެ އެވެ. (އަލްޖަޒީރާ)