15 Dec 2014, 09:31
ޓޯކިޔޯ (ޑިސެމްބަރު15): ޖަޕާންގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި ބޮޑުވަޒީރު ޝިންޒޫ އަބޭގެ ޕާޓީ އަށް ލިބުނު އާދަޔާ ޚިލާފު ކާމިޔާބީއަކީ ޖަޕާނުގެ އިގްތިސާދު އިސްލާޙްކުރުމަށް ޓަކައި އޭނާ ކުރިޔަށްގެން ދިޔަ ޕްރޮގްރާމަށް ރައްޔިތުންގެ ރުހުން އޮތްމިންވަރު ހާމަވެގެންދިޔަ ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ޖަޕާނުގައި އިއްޔެ ބޭއްވި އާންމު އިންތިޚާބު ވަރަށް ބޮޑު އަޣްލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމަށް ފަހު އަބޭ ވިދާޅުވީ އޭނާގެ އިގްތިސާދީ އެޖެންޑާ ފުރިހަމަ ކުރުމަށް ރައްޔިތުންދިން ފުރްސަތުގެ ބޭނުން ހެޔޮގޮތުގައި ކުރައްވާނެ ކަމުގަ އެވެ. ޖަޕާނުގައި އިއްޔެ ބޭއްވި އިންތިޚާބު، އަބޭގެ ލެބެރަލް ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކުރީ ޕާލަމެންޓްގެ ގޮނޑީގެ ތެރެއިން 61 އިންސައްތަ ގޮނޑި ހާސިލްކޮށްގެންނެވެ. އިއްޔެ ބޭއްވި އާންމު އިންތިޚާބަކީ އަބޭގެ ބޮޑުވަޒީރުކަމުގެ ދައުރު ފުރިހަމަނުކޮށް އަވަސްގޮތަކަށް ބޭއްވި އިންތިޚާބެކެވެ. އަވަސް އިންތިޚާބެއް ބޭއްވުމުގައި އަބޭގެ މަގްސަދަކީ ޖަޕާނުގެ އިގްތިސާދު އިސްލާޙްކުރުމަށް ޓަކައި އޭނާގެ ސަރުކާރުން ކުރިޔަށްގެންދިޔަ ޕްރޮގްރާމަށް ރައްޔިތުންގެ ތާއީދުއޮތްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމެވެ.
މިމަގްސަދު މިހާރުވަނީ ބޮޑަށް ޙާސިލްވެފަ އެވެ. ޖަޕާނުގައި ބޭއްވި އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތުން ޕާލަމެންޓްގެ ޖުމްލަ 475 ގޮނޑީގެ ތެރެއިން ބޮޑުވަޒީރު ޝިންޒޫ އަބޭގެ ލެބަރަލް ޑިމޮކްރެޓިކް ޕާޓީ ވަނީ 290 ގޮނޑި ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން އަބޭގެ ޕާޓީއާ ގުޅިފައިވާ ބުޑިސްޓް ކުމީތޯ ޕާޓީ އަށް ވެސް 35 ފަސް ގޮނޑި ލިބިފައިވާތީ ޖަޕާންގައި އަލަށް އިންތިޚާބުވި ޕާލަމެންޓްގައި އަބޭގެ ބާރާއި ނުފޫޒު މިވަނީ އާދަޔާ ޚިލާފަށް ބޮޑުވެފަ އެވެ.
އަލަށް އިންތިޚާބުކުރި ޖަޕާނުގެ ޕާލަމެންޓްގައި އެގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީކަމަށްވާ ޑިމޮކްރެޓިކް ޕާޓީ އަށް ލިބިފައި ވަނީ އެންމެ 73 ގޮނޑި ކަމަށް ވީނަމަވެސް މިއީ ކުރީގެ ޕާލަމެންޓްގައި އެޕާޓީއަށް ލިބުނު ގޮޑީގެ އަދަދަށްވުރެ އެގާރަ ގޮނޑި އިތުރު އަދަދެކެވެ. ނަމަވެސް އިދިކޮޅު ބައެއްއެހެން ޕާޓީތަކަށް ލިބުނު ގޮނޑީގެ އަދަދު މަދުކަމަށް ޚަބަރުތައް ބުނެ އެވެ.
ޖަޕާނުގެ ބޮޑުވަޒީރު ކަމަށް ޝިންޒޫ އަބޭ އިންތިޚާބު ކުރެވުނީ ދެހާސް ބާރަވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގަ އެވެ. އެއަށް ފަހު އޭނާވަނީ ޖަޕާނުގެ ހީނަރުވަމުންދާ އިގްތިސާދަށް އާރޯކަމާއި ތާޒާކަން ގެނައުމަށް ޓަކައި ވަރަށް ބޮޑު އިސްލާޙީ ޕްރޮގްރާމެއް ފައްޓަވާފަ އެވެ. އިގްތިސާދު ހަރުދަނާ ކުރުމަށް ޓަކައި މިޕްރޮގްރާމުގެ ދަށުން އަބޭގެ ސަރުކާރުން ފައިސާ އިތުރަށް ޗާޕްކޮށް ދައުލަތުގެ ޚަރަދުތައް އިތުރުކުރުމުގެ ނަތީޖާއެއްގެ ގޮތުން ކުރު މުއްދަތަކަށް އިގްތިސާދީ ދުވެލި ހަލުއިވެގެން ދިޔަ ނަމަވެސް މިއަހަރުގެ މެދުތެރޭގައި ޖަޕާނުގެ އިގްތިސާދީ ދުވެލި އަނެއްކާ ވެސް ވަނީ މަޑުޖެހިލާފަ އެވެ.
އިންތިޚާބުގެ ކޭންޕޭންގައި އަބޭވަނީ އޭނާގެ ޕާޓީއަށް އިންތިޚާބު ކާމިޔާބުވެއްޖެ ނަމަ އިގްތިސާދީ ދުވެލި އަނެއްކާ ވެސް ހަލުއިކުރައްވާނެ ކަމާއި މިކަމުގެ ގާބިލްކަމާއި ހުނަރާއި އުކުޅުތައް އޭނާގެ ޕާޓީއަށް ލިބިފައިވާ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފަ އެވެ. މިޔަގީންކަމަށް އިތުބާރުކޮށްގެން ރައްޔިތުން މިވަނީ އަނެއްކާ ވެސް ވަރަށް ތަނަވަސް އަޣްލަބިއްޔަތަކުން އަބޭ އަލުން ވަރިކަމަށް އިންތިޚާބު ކޮށްފަ އެވެ. (ރޮއިޓާސް)