02 Feb 2011, 11:11
މިސްރުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަމާ ދެކޮޅަށް ކުރަމުންދާ މުޒާހަރާ އާ ގުޅިގެން، އެގައުމުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުން މިރޭ ރާއްޖެ ގެނެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވީ މިސްރުގައި ތިބި ކިޔަވާ ކުދިން މިރޭގެ ވަގުތެއްގައި ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަދި ސައުދީ އެންބަސީގެ ބޭފުޅަކު މިހާރު މިސްރަށް ވަޑައިގެންފައިވާ ކަމަށެވެ. މިސްރުގެ ހަމަނުޖެހުމާއި މުޒާހަރާތަކާ ގުޅިގެން ބައެއް ފޯން ލައިން ތައް ކަނޑާލި ކަމަށް ވިޔަސް ދިވެހި ދަރިވަރުންނަށް މުއާސަލާތު ކުރުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ވެސް ސްޓޭޓް މިނިސްޓަރު ވިދާޅުވި އެވެ.
މިސުރުގައި ރާއްޖޭގެ 100 އަށް ވުރެ ގިނަ ދަރިވަރުން އެބަތިއްބެވެ.
މިސްރުގައި މެޑިސިން ކިޔަވަމުން އަންނަ ކުއްޖެއް ކަމަށްވާ ސަލްމާން ނިޒާމް ސަން އަށް މައުލޫމާތު ދެމުން ބުނީ މިސްރުގައި އަށް މިލިޔަނަށް ވުރެ ގިނަ މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ މުޒާހަރާތަކާއި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެން ހުރިހާ މަގުތަކެއް ބަންދުކޮށްލާފައިވާ ކަމަށާއި ކާފިއު ހިންގާފައިވާތީ މަގުމައްޗަށް ވެސް ނުނިކުމެވޭ ކަމަށެވެ. އެގޮތުން މެންދުރުފަހު 03:00 ރޭ ގަނޑު 8:00 އަށް ކާފިޔު ހިންގާފައި އޮންނަ ކަމަށާއި ލިބޭ ވަގުތު ތަކުގައި ވެސް މަގުމަތައް ބަންދުކޮށްފައި އޮންނާތީ ފިހާރަ ތަކަކަށް ވެސް ނުދެވޭ ކަމަށެވެ.
~
ސަލްމާން ބުނީ ފުލުހުންނާއި ސިފައިންގެ ބަދަލުގައި މިހާރު މިސުރުގެ މަގުތައް ބަލަހައްޓަމުން ދަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންދާ ރައްޔިތުން ކަމަށެވެ. އަދި މަގުތަކުގައި ހިނގާބިނގާވެ އުޅެން ދަތި ކަމުން ދިވެހި ދަރިވަރުން އެއްގޮތަކަށް ވެސް ބޭރަށް ނުނިކުންނަ ކަމަށް ސަލްމާން ބުންޏެވެ.
"މަގުތައް މިހާރު ބަލަހައްޓަމުން މިދަނީ ފުލުހުންގެ ބަދަލުގައި ރައްޔިތުން ނުކުމެ. ކޮންމެ މީހެއްވެސް އެމީހެއްގެ ގޭ ކައިރީ ގައި މިތި ބެނީ ފޯރި މަރަން. އެހެންވެ ވަރަށް އުދަނގޫވޭ މަގުތަކަށް ނުކުމެ އުޅެން ވެސް. އެހެންވެ މިހާރު އެއްގޮތަކަށް ނުވެސް ނުކުންނަން" ސަލްމާން ބުންޏެވެ.
މިސްރުގެ ޖަލުތަކުގައި ތިބި ގައިދީންގެ ތެރެއިން 3000 ގައިދީންނާ ގާތް ކުރާ އަދަދެއް ޖަލުތައް ފަޅާލުމަށްފަހު މަގުތައް މައްޗަށް ހަތިޔާރާ އެކު މިހާރު ވަނީ ނުކުމެފަ އެވެ.
"އަޅުގަނޑުމެންނާ އެއްކޮ ކިޔަވާ ދިވެހި އަންހެން ކުއްޖަކަށް ފެނިއްޖެ ކުރިން ރެއަކު މާއަޑުގަދަވެގެން އޭނަ ބޭރު ބަލާލިއިރު މިސްރު މީހުންގެ ގަޔަށް ބަޔަކު ބަޑި ޖަހަނިކޮށް ވެސް" ސަލްމާން ބުންޏެވެ.
އޭނާ އަދި ބުނީ އޭޓީއެމް ތައް ވެސް ހުރީ ހަލާކުކޮށްފައި ކަމަށާއި އަދި ބައެއް އޭޓީއެމް ތަކުން ފައިސާ ވަގަށް ވެސް ނަގާފައިވާ ކަމަށެވެ.
މިސްރުގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމުގެ އަޒުމުގައި އަށް މިލިއަނަށް ވުރެ ގިނަ މީހުން ކުރަމުންގެންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެގައުމުގެ ހުރިހާ ބޭންކް ތަކުގެ ޚިދުމަތާ ހިއްސާގެ ބާޒާރު ވަނީ ހުއްޓުމަކަށް އައިސްފައިވާއިރު އިންޓަނެޓްގެ ޚިދުމަތް ވެސް ވަނީ އެއްކޮށް ކަނޑާލާފަ އެވެ. އަދި މިއަދުން ފެށިގެން ފޯނު ލައިން ތައް ވެސް މުޅިން ކަނޑާލާނެ ކަން އަންގާފައިވާ ކަމަށް ވެސް ސަލްމާން ބުންޏެވެ.
ނަމަވެސް ފޮރިން މިނިސްޓްރީން ވަނީ މިސްރުގައި ކިޔަވަމުން އަންނަ ދިވެހި ކިޔަވާކުދިންގެ ހާލު ބެލުމަށްޓަކާ ހާއްސަ ހޮޓްލައިނެއް ގާއިމްކޮށްފަ އެވެ.
މިސްރުގައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން އެ ގައުމުގައި ކިޔަވަން ތިބި އެހެން ގައުމުތަކުގެ ދަރިވަރުން ވެސް މިހާރު އެ ކުދިންގެ ގައުމުތަކުން އަންނަނީ ގެންދަމުންނެވެ.
މިސްރުގެ ރައީސް މުބާރަކްގެ ވެރިކަން ވައްޓާލުމަށްޓަކައި ސަލާމަތީ ބާރުތަކަށް ގޮންޖަހާލުމަށްފަހު މުޒާހަރާތައް ކުރާތާ މިއީ ނުވަނަ ވަނަ ދުވަހެވެ.