14 Dec 2014, 23:55
ޗައިނާ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމަށް ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ޗައިނާއަށް ފުރާވަޑައިގެންފި އެވެ.
ޗައިނާގެ ބެއިޖިންގައި މި ހަފްތާގެ އަންގާރަ ދުވަހު ފަށާ ބައްދަލުވުމަށް ޗައިނާއަށް ފުރާވަޑައިގެންނެވީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފު (މުންދު) އެވެ.
ފުރާވަޑައިގަތުމުގެ ކުރިން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ އެ ބައްދަލުވުން ބޮޑަށް އަމާޒުވެގެން ދާނީ ސަރުކާރުން ކުރިއަށް އޮތްތާނގައި ފަށަން ނިންމަވާފައިވާ އެކިއެކި ތަރައްގީގެ މަޝްރޫތަކަށް ކަމަށެވެ.
"ކުރިއަށް އޮތްތާނގައި ދެގައުމުގެ މެދުގައި އޮތް ގުޅުމުގެ ތެރެއިން ދެ ގައުމަށް އިގްތިސޯދީ ގޮތުން ފައިދާވާނެ ގޮތަކާއި ވިޔަފާރި ތަކުން ދެ ގައުމަށް ފައިދާވާނެ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ނިންމުންތަކަކަށް އައުމަށްޓަކާ ކުރިއަށް ގެންދާ ބައްދަލުވުމެއް މިއީ. އެހެންވީމަ މިއީ އަޅުގަނޑުމެންނަށް ވަރަށް މުހިންމު ބައްދަލުވުމެއް،" ސައީދު ވިދާޅުވި އެވެ.
ޜާއްޖެއާއި ޗައިނާއާ ދެމެދުގައި ވިޔަފާރީގެ އެކި މުއާމަލާތްތައް ކުރުމަށް ފްރީ ޓްރޭޑް އޭރިއާއެއް ގާއިމް ކުރުމަށް އެ ބައްދަލުވުމުގައި ޗައިނާގެ ކޮމާސް މިނިސްޓްރީއާއެކު މަޝްވަރާ ކުރައްވާނެ ކަމަށާއި އޭގެ ސަބަބުން ރާއްޖެ އާއި ޗައިނާއާ ދެމެދުގެ އިމްޕޯޓް އެކްސްޕޯޓްފަދަ ކަންކަން އިތުރުވެ ދެގައުމުގެ ވިޔަފާރިތަކަށް ފައިދާވާނެ ކަމަށް މިނިސްޓަރު ސައީދު ފާހަގަ ކުރެއްވި އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. ޝައިނީ ވިދާޅުވީ މަޝްވަރާތަކުގެ ތެރެއިން، ހުޅުމާލެ އާއި މާލެއާ ދެމެދު އަޅާ ބްރިޖްގެ މަސައްކަތް އިތުރަށް ހަލުވި ކުރުމަށް އިސްކަމެއް ދީގެން ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ. އޭގެ އިތުރުން އެއާޕޯޓުގެ ރަންވޭގެ މަސައްކަތްފަދަ މަސައްކަތްތައް ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާ ހަމައަށް އާދެވޭނެ ކަމަށް ޝައިނީ ވިދާޅުވި އެވެ.
"އެ ކަންތައްތަކުގެ އިތުރުން މިހާރަށްވުރެ ވެސް އަގު ހެޔޮކޮށް ރާއްޖެއަށް ތެޔޮ ލިބޭނެ ގޮތެއް ވޭތޯ އަޅުގަނޑުމެން މި ވަނީ ޗައިނާގެ ދެ ކުންފުންޏަކާ ވާހަކަ ދައްކާފައި. އެހެންވީމަ ޗައިނާ އިން އަޅުގަނޑުމެންނަށް އަބަދުވެސް އެހީތެރިކަންދޭ ބޮޑެތި ޕްރޮޖެކްޓްތަކާ ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރާނެ،" ޝައިނީ ވިދާޅުވި އެވެ.
މިނިސްޓަރު މުންދު ވިދާޅުވީ އެ ބައްދަލުވުމުގައި ޗައިނާގެ ރައީސް ދެއްވާފައިވާ ދައުވަތާ އެއްގޮތަށް ދެ ގައުމުގެ ސިލްކްރޫޓްގައި ޕާޓްނަރަކަށް ރާއްޖެވުމުގެ ރަސްމީ އެއްބަސްވުމުގައި ސޮއި ކުރައްވާނެ ކަމަށެވެ.
ޗައިނާ އާއި ރާއްޖެއާ ދެމެދުގެ ޖޮއިންޓް ކޮމިޝަންގައި ހިމެނެނީ ފިޝަރީޒް މިނިސްޓަރު ޝައިނީ އާއި އިކޮނޮމިކް މިނިސްޓަރު ސައީދުގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ފޮރިން މިނިސްޓަރު ދުންޔާ މައުމޫނާއި މިނިސްޓަރު މުންދު އެވެ. އެގޮތުން މިއީ ޗައިނާއާއެކު ބާއްވާ ޖޮއިންޓް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމެވެ.