14 Dec 2014, 21:41
ހުވަދޫ ރެކްރިއޭޝަނުން އިންތިޒަމްކޮށްގެން ކުރިއަށް ގެންދާ 'ހުވަދޫ ރެކްރިއޭޝަން ތިނަދޫ ޗެލެންޖް ކަޕް 2014'ގެ ދެވަނަ މެޗު ސެންޓާ ފޮކްސަސް ކާމިޔާބުކޮށްފި އެވެ.
އިއްޔެ ކުޅުނު އެ މެޗުގައި ބައްދަލުކުރީ ސެންޓަރ ފޮކްސަސް އާއި ހޯބަހަކުން އެވެ. އެ މެޗު ސެންޓާ ފޮކްސަސް ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސެންޓާ ފޮކްސަސްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގެ ލީޑް އެ ޓީމަށް ހޯދަދިނީ ފުރަތަމަ ހާފްގެ 40 ވަނަ މިނެޓުގައި އެ ޓީމްގެ އަހުމަދު މުއާޒު އިބްރާހިމް އެވެ.
މެޗުގައި ސެންޓާ ފޮކްސަސް އަށް ލިބުނު ލީޑް އިތުރަށް ފުޅާ ކޮށްދިނީ މެޗުގެ 75 ވަނަ މިނެޓުގައި އެ ޓީމްގެ އަހުމަދު ރަޝީދު އެވެ. އޭގެ ދެ މިނެޓުފަހުން ހޯބަހަކުން ވަނީ މެޗުގައި އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު ކާމިޔާބުކޮށްފަ އެވެ. އެ ލަނޑު ހޯބަހަކުން ނަށް ކާމިޔާބު ކޮށްދިނީ މެޗުގެ 77 ވަނަ މިނެޓުގައި އެ ޓީމްގެ އިސްމާއިލް އީސާ (މެސީ) އެވެ. މެޗުގައި ސެންޓާ ފޮކްސަސް ކާމިޔާބުކުރި ތިން ވަނަ ލަނޑު އެ ޓީމުން ކާމިޔާބުކުރީ މެޗުގެ 85 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޒަމްއަތު މުހައްމަދު އެވެ.
އިއްޔެ ކުޅުނު އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ސެންޓާ ފޮކްސަސްގެ އަލީ ޝަރީފު އެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ އެ މެޗުގެ ޝަރަފްވެރި މެހެމާނު އަދި އެސްޓީއޯ ތިނަދޫ ފިހާރައިގެ ސީނިއާ މެނޭޖާ ހުސައިން ދީދީ އެވެ.
ގއ. ތިނަދޫގައި ކުރިއަށް ގެންދާ އެ މުބާރާތުގައި މިފަހަރު ބައިވެރިވެފައި ވަނީ އެ ރަށުގެ ފަސް ޓީމެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖު ލީގު އުސޫލުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކުން އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމްގެ މެދުގަ އެވެ.
މުބާރާތުގައި ރެފްރީކަންކުރާ އޮފިޝަލުން ވަނީ ރާއްޖޭގެ ފުޓްބޯޅައިގައި ފުރަތަމަ ފަހަރަށް ވެނިޝިންގް ސްޕްރޭ އާއި ހެޑްސެޓު ބޭނުންކޮށްފަ އެވެ. މުޅި ހުވަދޫ އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ އެ މުބާރާތަކީ އެ އަތޮޅުގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތެވެ. އެ މުބާރާތުގެ ޗެންޕިއަން ޓީމަށް ފައިސާގެ އިނާމްގެ ގޮތުގައި 100،000 ރުފިޔާ ދޭން ހަމަޖެހިފައިވާ އިރު، މުބާރާތުގެ ރަނަރަޕް ޓީމަށް ވަނީ ފައިސާގެ އިނާމުގެ ގޮތުގައި 50،000 ރުފިޔާ ދޭން ހަމަޖެހިފަ އެވެ.