އުއްތަމަ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އޭނާ އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން މަޖިލީހުން ފާސްކުރީ މިރޭގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އިއްތިފާގުންނެވެ. އޭނާ އެ މަގާމަށް އައްޔަން ކުރުމާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓެއް ނުދެއްވަ އެވެ.

ވޯޓުގައި ބައިވެރިނުވެ އިދިކޮޅު އެމްޑީޕީގެ މެމްބަރުން ވަނީ ވޯކް އައުޓު ކުރައްވާފައި އެވެ.

ދިވެހި ރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު އައްޔަން ކުރަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ފާސްކޮށްފައި ވަނީ މިއަދުގެ ވަގުތެއްގައި އެވެ. އަދި އެ ކޮމިޝަންގެ ލަފާގެ މަތިން، ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ހުށަހެޅުއްވީ ވެސް އޭނާގެ ނަމެވެ.

އަބްދުﷲ ސައީދު އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފާސްކޮށްފައި ވަނީ މިހާތަނަށް އެ މަގާމުގައި ހުންނެވި އަހްމަދު ފާއިޒު ފާއިޒު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާ ގުޅިގެނެނެވެ. އަބްދުﷲ ސައީދުއަކީ އިންތިގާލީ ސުޕްރީމް ކޯޓުގައި ވެސް އުއްތަމަ ފަނޑިޔާރުގެ މަގާމް އަދާކުރައްވާފައިވާ ބޭފުޅެކެވެ.