14 Dec 2014, 20:51
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ސުޕްރީމް ކޯޓުން ގެންގޮސްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު މަޖިލީހަށް ފޮނުވި "ރިޓް އޮފް ޕްރޮހިބިޝަންގައި" ވަނީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަކިކުރި މައްސަލާގައި އެ ކޯޓަށް އެއްވެސް މައްސަލައެއް ހުށަހަޅާފައިވާނަމަ އެ މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް ފޮނުވުމަށެވެ. އަދި އެ ކޯޓަށް ހުށަހެޅި އެފަދަ މައްސަލައަކާ ގުޅިގެން، އެއްވެސް ފިޔަވަޅެއް އަޅާފައިވާނަމަ އެކަން ބާތިލް ކުރުމަށް ވެސް އޭގައި ވެއެވެ.
"..ތިޔަ ކޯޓުން އެ މައްސަލައާމެދު އެއްވެސް ފިޔަވަޅެއް އެޅުމަކާނުލައި، އެ މައްސަލައިގެ ފައިލް ކަމާބެހޭ އެންމެހައި ލިޔެކިޔުންތަކާއެކު މިރޭ، ޑިސެމްބަރު 14، 2014 ވަނަ ދުވަހުގެ ރޭ 20:45 ގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ހަވާލުކުރުމަށާއި އަދި މި މައްސަލައާ ގުޅިގެން އެއްެވެސް ފިޔަވަޅެއް އަޅާފައިވާނަމަ، އެ ފިޔަވަޅު ބާތިލް ކުރުމަށް ސިވިލް ކޯޓަށް އަންގައި އަމުރުކޮށްފީމެވެ،" ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މަރިޔަމް ޝައްމާ އިސްމާއިލް ފޮނުއްވާފައިވާ ލިޔުމުގައިބުނެފައިވެ އެވެ.
ސިވިލް ކޯޓުގައި މިރޭ ބާއްވަން ތާވަލްކުރި ޝަރީއަތުގެ މަޖިލީހަށް ވަޑައިަތީ އެމްޑީޕީގެ ގާނޫނީ ވަކީލުން އެކަންޏެވެ. ގާޒީ އަބްދުﷲ ޖަމީލު މޫސާ ވިދާޅުވީ ދައުލަތުގެ ބަންޑާރަ ނައިބުގެ އޮފީހަށް ޗިޓު ހަވާލުކުރެވިފައިނުވާ ކަމަށެވެ. އަދި ޖުޑީޝަލް ސާވިސް ކޮމިޝަނަށް ޗިޓު ހަވާލުކުރަން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.