ގައުމީ އެއާލައިން، މޯލްޑިވިއަން އެއާބަސް އޭ 321 މަރުކާގެ މަތިންދާބޯޓެއް ދިގު މުއްދަތަށް ކުއްޔަށް ހިފައިފިއެވެ.

އެމެރިކާގެ އެއާލީޒް ކޯޕަރޭޝަން ( އޭއެލްސީ) ދިގު މުއްދަތަށް ކުއްޔަށް ހިފި އެބޯޓު ރާއްޖެ ގެނައުމަށް ހަމަޖެހިފައި ވަނީ އިން އަންނަ ޖެނުއަރީ މަހުއެވެ.

ވައިގެ ދަތުރުފަތުރުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު އަބުދުލްހާރިޝް ކުރިން "ސަން" އަށް ވިދާޅުވީ އެއާބަސްގެ އާ ފްލައިޓް ބޭނުންކުރާނީ ޗައިނާ އަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ކަމަށާއި މޯލްޑިވިއަންގެ އަމާޒަކީ ޗައިނާ އިން ރާއްޖެ ގެންނަ ޓޫރިސްޓުންގެ ނިސްބަތް އިތުރުކުރުން ކަމަށެވެ.

މިހާރު މޯލްޑިވިއަން އިން ބޭނުންކުރަނީ އެއާބަސް އޭ320 މަރުކާގެ އެންމެ ބޯޓެކެވެ. އެބޯޓަކީ 152 ގޮނޑީގެ ބޯޓެކެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ބިޒްނަސް ގޮނޑި އާއި 138 އިކޮނޮމީ ގޮނޑި އެވެ. އެއީ ވެސް އޭއެލްސީ އިން ދިގު މުއްދަތަށް ކުއްޔަށް ހިފާފައިވާ ބޯޓެކެވެ.

އެއާ ބަސް އޭ321 މަރުކާގެ މަތިންދާބޯޓުގައި ޖުމްލަ 185 ގޮނޑި ހުންނާނެއެވެ.