14 Dec 2014, 20:10
މިއަހަރުގެ އަހަރުގެ ނޮވެންބަރު މަހުގެ އާމްދަނީގެ ގޮތުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް 804 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިދިޔަ މަހު ލިބުނު 804 މިލިއަން ރުފިޔާއަކީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގައި ލިބިފައިވާ އާމްދަނީއަށް ވުރެ 62 ޕަސެންޓް އިތުރު އަދަދެއް ކަމަށް މީރާގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ. އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ނޮވެންބަރު މަހު ޖީއެސްޓީ އާއި ބީޕީޓީ ގެ ގޮތުގައި ބަލައިގެންފައިވާ ފައިސާ އިތުރުވުމެވެ. މީގެ އިތުރުން އެއާޕޯޓް ސާވިސް ޗާރޖް އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވެސް ވަނީ ވޭތުވެދިޔަ އަހަރުގެ ނޮވެންބަރު މަހާ އަޅައިބަލާއިރު ވަރަށްބޮޑަށް އިތުރުވެފަ އެވެ.
ވޭތުވެދިޔަ ނޮވެންބަރު މަހުގައި އެންމެ ގިނައިން އާމްދަނީ ލިބިފައި ވަނީ ޖީއެސްޓީން ކަމަށާއި އަދި މިއީ ޖުމްލަ އާމްދަނީގެ 44.4 ޕަސެންޓް ކަމަށް މީރާއިން ބުންޏެވެ. ދެ ވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ޖުމްލަ އާމްދަނީގެ 23.8 ޕަސެންޓެވެ. މީގެ އިތުރުން ޓޫރިޒަމް ޓެކުހުގެ ގޮތުގައި ލިބިފައި ވަނީ ނޮވެންބަރު މަހުގެ ޖުމްލަ އާމްދަނީގެ 10.2 ޕަސެންޓް އެވެ. ޖުމްލަ އާމްދަނީގެ ނިސްބަތުން ބީ.ޕީ.ޓީގެ ގޮތުގައި 5.2 ޕަސެންޓް އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި 5.2 ޕަސެންޓް ލިބިފައިވެ އެވެ.