ސުޕުރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމާ މެދު ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޖަލްސާގައި ބައިވެރި ނުވެ އެމްޑީޕީގެ ވިޕްލައިނާ ދެކޮޅު ހެއްދެވި ކަމަށް ބުނެ، ފިޔަވަޅު އަޅަން ނިންމުމުން އެކަމާ ހިތާމަ ކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޔާމިނާއި މުލަކު ދާއިރާގެ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާން، ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރަން މަޖިލީހުން ފާސްކުރިއިރު، ޔާމީނާއި ނަސީރު ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.

ބެންކޮކްގައި ހުންނެވި ވެލިދޫ ދާއިރާގެ މެންބަރު "ސަން" އަށް މިއަދު ވިދާޅުވީ، ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް އެމްޑީޕީގެ ލީޑާޝިޕްގެ އެއްވެސް ބޭފުޅަކު އޭނާއަށް ގުޅުއްވާފައި ނުވާ ކަމަށާއި، ގުޅުއްވި ކަމަށް ބުނެ އެމްޑީޕީގެ ވައިސް ޗެއާޕާސަން އަލީ ނިޔާޒު ހެއްދެވީ އިތުރުފުޅެއް ކަމަށް ޔާމިން ވިދާޅުވި އެވެ.

ރާއްޖެއިން ބޭރަށްދާ ވާހަކަ މީގެ އެތައް ދުވަހެއް ކުރިން ޕާޓީގެ ލީޑާޝިޕާ ހިއްސާ ކުރައްވާފައިވާ ކަމަށް ވެސް ޔާމީން ވިދަޅުވި އެވެ. އެހެންކަމުން ފިޔަވަޅުއަޅަން ނިންމި ނިންމުމާމެދު ހިތާމަ ކުރައްވާ ކަމަށް އޭނާ ވިދާޅުވެފަ އެވެ. މިއަދަކީ ރާއްޖޭގެ ޖުޑިޝަރީއަށް އައި ކަޅު ދުވަހެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޔާމިން ވިދާޅުވިއެވެ.

"މިއަދަކީ ޖުޑިޝަރީއަށް އައި ކަޅު ދުވަހެއް، މިފަދަ ދުވަހެއްގައި ރާއްޖޭގައި ނުހުރެވުނީތީ ހިތާމަ ކުރަން،" ޔާމިން ވިދާޅުވި އެވެ.

ޔާމިންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނަސީރު ވިދާޅުވީ ފިޔަވަޅުއަޅަން އެމްޑީޕީން ނިންމި ނިންމުމަކީ އިންސާފުން ބޭރުން ނިންމި ނިންމެއް ކަމަށެވެ. އަދި އޭނާ ހުއްނެވީ ޗުއްޓީ ނަންގަވައިގެން އާއިލީ ކަމެއްގައި ރާއްޖެއިން ބެރުގައި ކަމަށާއި، މަޖިލީހުގެ ވޯޓަށްވުރެ އާއިލާ މުހިންމު ކަމަށް ނަސީރު ވިދާޅުވި އެވެ.

"ރާއްޖެއިން ބޭރުގައި އުޅޭ އަޅުގަނޑުގެ އަންހެންނުންގެ އާއިލީ ކުއްޖަކަށް އަނިޔާކޮށް މަގުމައްޗަށް އެއްލާލާފައި އޮތް ކަމަށް ހަބަތުތަކުގައި އެޔޮތީ. ކޮއްކޮ ބަލާ އަޅުގަނޑު ރާއްޖެއިން ބޭރަށް ދިޔައީ،" ތުރުކީއަށް ކުރެއްވި ދަތުރުފުޅު ނިންމަލާވެއްވުމަށްފަހު މިވަގުތު ރާއްޖޭގައި ހުންނެވި ނަސީރު ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާއަށް ހާޒިރު ނުވާ މެންބަރުން ރިޝްވަތު ނެންގެވި ކަމަށް ބުނެ އެމްޑީޕީގެ ލީޑާޝިޕުން ދައްކަވާ ވާހަކަފުޅުތަކަށް ރައްދު ދެއްވައި ނަސީރު ވިދާޅުވީ އޭނާއަކީ ފުދިގެން އުޅޭ ބޭފުޅެއް ކަމަށާއި، ދުވަހަކު ވެސް ރިޝްވަތުގައި ނުހިފާނެ ކަމަށެވެ.

"ރިޝްވަތުގައި ނުހިފާނެކަން އެމްޑީޕީގެ މެންބަރުންނަށް ވެސް އެނގޭނެ، ދުވަހަކު ހިފާފައެއް ވެސް ނޯންނާނެ، އެއަށްވުރެ މާ ފުދިގެން އުޅެނީ" ނަސީރު ވިދާޅުވި އެވެ.

މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު މޫސާ މަނިކު ވިދާޅުވީ އެމްޑީޕީން ކޮންމެ ފިޔަވަޅެއް އެޅި ނަމަވެސް ބަލައިގަންނާނެ ކަމަށެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާއަށް ހާޒިރު ނުވާ އެމްޑީޕީ މެންބަރުންނަކީ ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރުޒޫގާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އެވެ.

ނާޒިމާއި، މަރުޒޫގު އަދި ބާރީގެ ބަހެއް "ސަން"އަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ފަނޑިޔާރު ފާއިޒާއި ފަނޑިޔާރު މުއުތަސިމް ސުޕްރީމް ކޯޓުގެ ބެންޗުން ވަކިކުރީ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި 53 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހުގެ 75 މެމްބަރަކު ބައިވެރިވެވަޑައިގެންނެވި އެ ވޯޓުގައި އެ ދެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް 21 މެމްބަރަކު ވޯޓު ދެއްވި އެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކު އިންނެވި އެވެ.