ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އާއި ހަލް ސިޓީ ބައްދަލުކުރި މެޗުގައި ރެފްރީ އޭނާގެ ވަޒީފާ ރަނގަޅަށް އަދާކޮށްފައި ނުވާކަމަށް ހަލް ސިޓީގެ ކޯޗް ސްޓީވް ބްރޫސް ބުނެފިއެވެ.

ރޭގެ މެޗުގައި ރެފްރީކަން ކުރި ރެފްރީ، ކްރިސް ފޯއީގެ ނިންމުންތަކާ ބެހޭގޮތުން ވާހަކަ ދައްކަމުން ބްރޫސް ބުނީ މެޗުގައި އޭނާ ރެފްރީކަން ކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށާއި، މެޗުގައި ޗެލްސީގެ ބައެއް ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔަ ޑައިވް ތަކަކީ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ޖެހޭފަދަ ކަންތައްތަކެއް ކަމަށެވެ. އަދި މެޗުގައި ހަލް ސިޓީގެ ހަޑްލްސްޓަން އަށް ރަތް ކާޑެއް ދައްކަން ރެފްރީ ނިންމި ނިންމުން އޭނާ ގަބޫލުކުރި ނަމަވެސް، އޭގެ ކުރިން ޗެލްސީގެ ޑިފެންޑަރު ގޭރީ ކެހިލް ޑައިވް ކުރުމުން އޭނާއަށް އެކަމަށް ރަތް ކާޑެއް ދައްކަން ޖެހޭކަމަށް ބްރޫސް ބުންޏެވެ.

"މެޗުގައި ކެހިލް ކުރީ ޑައިވް އެއްކަން އެންމެނަށްވެސް އެނގޭނެ. ރެފްރީ ހުރީ އޭނާއާ 10 ޔާޑު ދުރުގަ. އެއީ ޕެނަލްޓީއެއް ހޯދަން އޭނާ ކުރި ކަމެއްކަން ރެފްރީއަށް ހަމަ ރަނގަޅަށް އެނގޭނެ. އެނާއަށް އެކަމުގެ ސަބަބުން ރަތް ކާޑެއް ދައްކަން ޖެހޭ. ރެފްރީ ކެހިލްއަށް ކާޑެއް ދައްކަން ނުނިންމީ އޭނާ ކުރިން ކުރި ފައުލަކާ ގުޅިގެން އޭނާއަށް ރީނދޫ ކާޑެއް ދައްކާފައި ވުމުން ކަމަށްވެސް ވެދާނެ. ނަމަވެސް އަހަރެންގެ ނަޒަރުގައި ކެހިލް ކުރި ފުރަތަމަ ފައުލަކީވެސް އޭނާ ދަނޑުން ފޮނުވާލާ ވަރުގެ ފައުލެއް. މެޗުގައި ރެފްރީގެ ނިންމުންތައް އެހާ ރަނގަޅެއް ނޫން. މިފަދަ ކަންކަން ރެފްރީން ރަނގަޅު ކުރަންޖެހޭ،" ބްރޫސް ބުންޏެވެ.

ބްރޫސް ބުނީ އެފަދަ ބޮޑެތި މުބާރާތްތައް ކުޅޭއިރު ރެފްރީން ރެފްރީކަން ކުރުމުގެ ފެންވަރު ރަނގަޅު ކުރަން ޖެހެ ކަމަށާއި، އެ މެޗުގައި ކެހިލް އަށް ކާޑެއް ނުދެއްކުން އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މެޗުގެ ނަތީޖާއާ މެދު ވާހަކަ ދައްކަމުން ބްރޫސް ބުނީ ފަހަކަށް އައިސް ހަލް ސިޓީއަށް ދިމާވެފައި ވަނީ ދަތި ދުވަސްކޮޅެއް ކަމަށާއި، އެކަމާ ދެރަވިއަސް އެކަން ގަބޫލު ކުރަންޖެހޭ ކަމަށެވެ. އަދި ހަލް ސިޓީއަށް ލީގުގައި އަދިވެސް ކުރިއަށް ދެވިދާނެކަމަށް ގަބޫލުކުރާކަމަށްވެސް އޭނާ ބުންޏެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ހަލް ސިޓީ މުބާރާތުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައި ވާއިރު، އެންމެ ފަހުން ކުޅުނު 11 މެޗުގެ ތެރެއިން އެ ޓީމަށް އެންމެ މެޗެއްވެސް ކަމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި އެ މެޗުގައި ޗެލްސީގެ ޑިއޭގޯ ކޯސްޓާ އާއި އެ ޓީމްގެ ވިލިއަން ޑައިވް ކުރި ކަމަށް ބުނެ ރެފްރީ އެ ދެ ކުޅުންތެރިންނަށް ރީނދޫ ކާޑެއް ދައްކާފައި ވާއިރު، ޗެލްސީގެ ގޭރީ ކެހިލް ޑައިވް ކުރިކަމަށް ބުނެ ރެފްރީ ވަނީ ހަލް ސިޓީއަށް ހިލޭ ޖެހުމެއް ދީފައެވެ.

ހަލް ސިޓީގެ ކޯޗް ބްރޫސްގެ ވާހަކަތަކަ ބެހޭގޮތުން ޗެލްސީގެ ކޯޗް ހޯޒޭ މޮރީނިއޯ ބުނީ މެޗުގައި ދެއްކި ކާޑުތަކާމެދު އެއްޗެކޭ ބުނަން އޭނާއަށް ދަތިކަމަށެވެ. އަދި އެ މެޗަކީ އެހާ ފިސިކަލް މެޗެއް ނޫން ކަމަށާއި، ޗެލްސީގެ ކުޅުންތެރިން ކުރީ ޑައިވް ކަމަށް އޭނާއަށް ގަބޫލު ނުކުރެވޭކަމަށްވެސް އޭނާ ބުންޏެވެ.

"މެޗުގައި ޗެލްސީގެ ކުޅުންތެރިންގެ ފަރާތުން ފެނިގެން ދިޔައީ ޑައިވްތަކެއް ނޫން. އެއީ މިދިޔަ ސީޒަންގައިވެސް އަހަރެން ކުޅުންތރިންނާ ދެއްކި ވާހަކައެއް. ރޭގެ މެޗުގައި ޑައިވް ކުރިކަމަށް ތުހުމަތު ކުރެވުނުއިރު ވިލިއަން ހުރީ ދަނޑުގެ މެދުގަ. އޭނާ ޑައިވް ކުރަން ޖެހޭނެ އެއްވެސް ސަބަބެއް ނެތް. އަދި ކޯސްޓާވެސް އެއީ ޑައިވް ކުރާ ކަހަލަ ކުޅުންތެރިއެއް ނޫން،" މޮރީނިއޯ ބުންޏެވެ.