14 Dec 2014, 17:50
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި އެމްޑީޕީގެ ހަ މެންބަރުން ބައިވެރިވެ ވަޑައި ނުގަންނަވައެވެ.
ފަނޑިޔާނުން ވަކިކުރުމަށް ބޭއްވޭ ޖަލްސާގައި ބައިވެރިވެ ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނަށް އަންގާފައި ވަނިކޮށް ޖަލްސާއަށް ހާޒިރު ނުވަނީ ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ އަހުމަދު މަރުޒޫގާއި ކުރެންދޫ ދާއިރާގެ އަބްދުލްބާރީ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު އެވެ.
މިއަދުގެ ވޯޓުގައި މަޖިލީހަށް ހާޒިރުވި އެމްޑީޕީގެ 17 މެންބަރުން ވެސް ވަނީ ވިޕްލައިނާ އެއްކޮޅަށް ވޯޓު ދީފަ އެވެ.
މީގެ އިތުރުން ފަނޑިޔާރުން ވަކިކުރަން ނުފެންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމާ، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާ، މަތިވެރި ދާއިރާގެ މެންބަރު ހުސައިން މުހައްމަދުގެ އިތުރުން ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ވޯޓު ދީފަ އެވެ.
ޖުމްހޫރީޕަޓީގެ ފަރާތުން ފަނޑިޔާރުން ވަކި ކުރުމަށް ފެންނަކަމަށް ވޯޓދީފައި ވަނީ ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދު، ހަނިމާދޫ ދާއިރާގެ މެންބަރު ހުސައިން ޝަހުދީ، ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަން، ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު އެވެ. ޖުމްހޫރީ ޕާޓީގެ ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިން މިއަދުގެ ޖަލްސާއަށް ހާޒިރެއް ނުވެ އެވެ.
މީގެ އިތުރުން އަދާލަތު ޕާޓިން އަނާރާ ނައީމް އަދި އަމިއްލަ މެންބަރު މުއާޒު މުހައްމަދު ރަޝީދު ވޯޓު ދީފައި ވަނީ ފަނޑިޔާރުން ވަކި ކުރުމާ އެއްކޮޅަށެވެ. އަދި އެމްޑީއޭގެ ހުރިހާ މެންބަރުން ވެސް ވަނީ ފަނޑިޔާރުން ވަކި ކުރުމާ އެއްކޮޅަށް ވޯޓު ދީފައެވެ.
މިއަދުގެ ޖަލްސާގައި ޖުމްލަ 78 މެންބަރުން ބައިވެރިވެ ވަޑައިގެންފައި ވާއިރު، ދެ ފަނޑިޔާރުން ވަކިކުރަން ފެންނަކަމަށް ވޯޓު ދީފައިވަނީ 53 މެންބަރުންނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓުދޭން ނުފެންނަ ކަމަށް ޕީޕީއެމްގެ ކުޅުދުއްފުށި ދެކުނު ދާއިރާގެ މެންބަރު މުހައްދަު ނަޝީދު ވޯޓު ދީފައިވާއިރު ފަނޑިޔާރުން ވަކިކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވަނީ ވޯޓު ދީފައެވެ.
މަޖިލީހަށް ހާޒިރުވެ ވޯޓުގައި ބައިވެރިވެ ވަޑައި ނުގަންނަވަނީ ޖުމްހޫރީ ޕާޓީގެ ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހިމްއާ، ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމް އެވެ.