14 Dec 2014, 17:19
ކްލަބް އީގަލްސް އިން މިއަދު ބޭއްވި އެ ކްލަބުގެ ކުއްލި ބޯޑު ބައްދަލުވުމެއްގައި އެ ކްލަބުގެ ޗެއާމަންކަން ހިޔަލީ މުހައްމަދު ރަޝީދު ވަކިކޮށްފި އެވެ.
ކްލަބް އީގަލްސްގެ ފަރާތުން 'ސަން' އަށް މައުލޫމާތު ދެެއްވަމުން އެ ކްލަބުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ކްލަބްގެ ކުއްލި ބޯޑު ބައްދަލުވުމެއް ބާއްވައި ޗެއާމަންގެ މަގާމުން ހިޔަލީ ވަކިކުރަން ނިންމީ އީގަލްސްގެ އެޖެންޑާއާ ހިލާފުވާ ފަދަ އަމިއްލަ ހިޔާލުތައް ގެންގުޅުއްވުމުގެ ސަބަބުން އެކަމުގެ ގެއްލުން ރާއްޖޭގެ ފުޓްބޯޅަ އަށް ކޮށްފާނެތީ ކަމަށެވެ.
"ކުއްލި މައްސަލައެއްގެ ގޮތުގައި ޗެއާމަންގެ މައްސަލަ ހުށައެޅުމުން ކްލަބްގެ ބޯޑުން މިއަދު ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައި. އެ ބައްދަލުވުމުގައި ހިޔަލީ މަގާމުން ވަކިކުރަން ނިންމީ ކްލަބުގެ ތަސައްވުރާ ތަފާތު އެޖެންޑާއެއް އޭނާ ގެންގުޅޭ ކަމަށް ފާހަގަ ކުރެވޭތީ. ހިޔަލީގެ ބައެއް އަމަލުތަކުގެ ސަބަބުން ރާއްޖޭގެ އެފްއޭއެމް ސަސްޕެންޑް ވެގެން ދިޔުން އެކަށީގެންވޭ. އެފަދަ ކަމެއް ވެއްޖެ ނަމަ އެއީ ރާއްޖޭގެ ފުޓްބޯޅައަށް ލިބިގެން ދާނެ ވަރަށް ބޮޑު ގެއްލުމެއް. ޗެއާމަން ކަމުން ހިޔަލީ ވަކިކުރަން ބޯޑުން ނިންމީ އެކަމުގެ ޒިންމާ ކްލަބް އީގަލްސްއިން އުފުލަން ބޭނުން ނުވާތީ،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހިޔަލީ ޗެއާމަންކަމުން ވަކިކުރަން ނިންމީ ބޯޑުގެ ހަ މެންބަރުންގެ އިއްތިފާގުން ކަމަށާއި މިއަދު ބޭވި ކުއްލި ބައްދަލުވުން ޗެއާ ކުރެއްވީ ބޯޑުގެ ނައިބު ރައީސް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން ހިޔަލީ ވިދާޅުވީ ބޯޑުގެ ނިންމުން އޭނާ އަށް އަންގާފައިވާ ކަމަށާއި ވަކިކުރި ކަމުގެ ސިޓީ މިހާރު އޭނާގެ ގެއަށް ފޮނުވާފައިވާ ކަމަށް ބޯޑުން ބުނި ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އެއްޗެކޭ ބުނަން އެނގޭނީ ސިޓީ ބެލުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅިވަރުގެ ދާއިރާ އިން ޝަރަފްވެރިކަމުގެ ގައުމީ އިނާމް މި އަހަރު ހާސިލްކުރެއްވި ހިޔަލީއަކީ ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކޮށްދެެއްވާފައިވާ ބޭފުޅެކެވެ. އެފްއޭއެމްގެ ނައިބު ރައީސްކަން ވެސް ކުރިން އަދާކުރެއްވި ހިޔަލީއަކީ މި ފަހަރު އެފްއޭއެމްގެ ހިންގާ ކޮމިޓީ ބަދަލުކުރަން އެންމެ ގަދައަޅާ މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ.