ސުޕުރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓުގައި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިން ވަކިކުރަން ނިންމުމުން އުފާކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދަޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާނު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނެގި ވޯޓަށް ފަހު، "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި މޫސާ ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒަކީ ގާނޫނު އަސާސީގެ ރޫހަށް ތަބާ ނުވާ، އަދުލުއިންސާފު ގާއިމް ކުރުމުގެ މަރުހަލާގައި، ޑިމޮކްރަސީ އަށް ވަރަށް ބޮޑަށް ހުރަސްއެޅުއްވި ބޭފުޅެއް ކަމަށެވެ.

"އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނަވައިގެން ފާއިޒު ނިންމަވާފައިވާ ނިންމެވުންތަކަކީ ޑިމޮކްރަސީ އަށް ވަރަށް ބޮޑަށް ހުރަސްއެޅިގެން ދިޔަ އަދި ދިވެހި ރާއްޖޭގެ އަދުލު އިންސާފަށް ވަރަށް ބޮޑަށް ގެއްލުންތަކެއް ދީފައިވާ ނިންމުންތަކެއް ކަމަށް" މޫސާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަންކަން ވެސް ކުރައްވާފައިވާ މޫސާ ވިދާޅުވީ ފާއިޒް އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނަވައިގެން އެމްޑީޕީ ކާމިޔާބީއާ ދިމާލަށް ދަތުރުކުރި، އެތައް އެތައް އިންތިހާބަކަށް ފާއިޒު ހުރަސް އަޅުއްވާފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި އިލްކްޝަންސް ކޮމިޝަނަށް ލިބިިދީފައިވާ ބާރުތައް ހަނިކޮށް، ސުޕުރީމް ކޯޓުގެ ފަނޑިޔާރުކަމުގައި ހުންނަވައިގެން އިންތިހާބުގެ ފަހު ބަސް ވިދާޅުވަމުން ގެންދެވުމަކީ ބޭއިންސާފުން ކުރެއްވިކަންކަން ކަމަށެވެ.

މީގެ އިތުރުން 2012 ވަނަ އަހަރުގެ ފެބުރުއަރީ ހަތެއް އަދި އަށެއްގައި އެމްޑީޕީގެ މެންބަރުންނަށް ދީފައިވާ ހަަމަލާތައް ނުބައްލަވާ ކަމަށާއި އެމްޑީޕީއާ މެދު ފާއިޒް ކަންކުރެއްވީ ވަރަށް "އިހާނެތިކޮށް"ކަން ފާހަގަކޮށް މޫސާ ވިދާޅުވީ ފާއިޒު ފަނޑިޔާރުކަމުން ވަކި ކުރުމުން އުފާ ކުރައްވަނީ އެކަންކަމާ ހުރެ ކަމަށެވެ.

ސުޕުރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރުމަށް މިއަދު ނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ދެކޮޅަށް އަމަލުކުރެއްވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް މިއަދު އެމްޑީޕިން ބުނުމާ ގުޅިގެން މޫސަ ވިދާޅުވީ އެމްޑީޕިން ކޮންމެ ފިޔަވަޅެއް އެޅިޔަސް އެކަން "ބަލައިގަންނާނެ" ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަޅުގަނޑުމެނަށް [އެމްޑީޕީއަށް] އެހާބޮޑު އަނިޔާއެއް ދިން ބޭފުޅަކު ވަކިކުރެވުމަކީ ބޮޑު ކާމިޔާބީއެއް،" މޫސާ ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އެމްޑީޕީގެ ބައެއް މެންބަރުންނާ ދިމާލަށް ރިޝްވަތުގެ އިނގިލި ދިއްކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި އެ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒާ ގުޅިވަޑައިގެން ފާއިޒް ހިމާޔަތްކުރަން ކުރި މަސައްކަތުގައި އެމްޑީޕީ އިން ބައިވެރިވުމަކީ "ރިޝްވަތުގެ" ފައިސާގައި އެމްޑީޕީގެ ލީޑާޝިޕުން ޖެހިގެން ކުރި ކަމެއް ކަމަށް ޝައްކުކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް މޫސަ ވިދާޅުވި އެވެ.

"އެފަދަ ހުތުރު އަމަލުތައް ރިޝްވަތުގެ ހުތުރު ފައިސާގައި ޖެހިގެން ނުކުރުމާއި އެކަހަލަ ކަންތައްތަކާ ދޭތެރޭ ޕާޓީގެ މެންބަރުންގެ އިހުސާސްތަކަށް އިހުތިރާމް ކުރުމަކީ އޮންނަންޖެހޭނެ ކަމެއް." މޫސަ ވިދާޅުވި އެވެ.