ވައިނުސާފުވުމުގެ ސަބަބުން ސިއްހަތަށް ކުރާ ނުބައި އަސަރުތަކާ ބެހޭ ގޮތުން ހެލްތު މިނިސްޓަރުން ވާހަކަ ދައްކަން ޖެހޭ ކަމަށް ވޯލްޑް ހެލްތު އޯގަނައިޒޭޝަން ( ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ގޭތެރޭގެ ވައިގެ ފެންވަރު ދެމެހެއްޓުމަށް އަލަށް ކަނޑައެޅި އުސޫލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޑަބްލިއުއެޗްއޯ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޑރ. ޕޫނަމް ކެތުރަޕާލް ވިދާޅުވެފައި ވަނީ ވައި ނުސާފުވުން ހުއްޓުވުމަށް އެހެން މިނިސްޓްރީތަކާ ގުޅިގެން ހެލްތު މިނިސްޓަރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެގޮތުން ތިމާވެއްޓާއި ހަކަތައާއި ދަތުރުފަތުރާއި އިމާރާތްކުރުމާ ބެހޭ މިނިސްޓްރީ ތަކާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"...ވައި ނުސާފުވުމުގެ ސަބަބުން ސިއްހަތަށް ކުރާ އަސަރުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގައި ހެލްތު މިނިސްޓަރުން ވަރުގަދަ ދައުރެއް އަދާކުރަން ޖެހޭ. އަދި އެކި ދާއިރާތަކުން ސިއްހަތަށް އެންމެ ފައިދާ ހުރި ސިޔާސަތުތައް ކަނޑައެޅުމަށް ގޮވާލައި ވާހަކަ ދައްކަން ޖެހޭ،" ޑރ. ޕޫނަމް ވިދާޅުވި ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ.

ދުނިޔޭގެ ތަފާތު ގިނަ ސަރަހައްދުތަކުގައި ވައިގެ ފެންވަރު (ތާހިރުކަން) ކުރިއަށް ވުރެ ރަނގަޅު ކޮށްފައިވާ ކަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން މިސަރަހައްދުގެ ގައުމުތަކުން ވެސް އެކަމުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބިކަން ސާބިތުކޮށްދީފައިވާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ވައި ނުސާފުވުމުގެ ސިއްހީ ގެއްލުންތައް އެންމެ ބޮޑަށް ތަހައްމަލުކުރަނީ އަންހެނުންނާއި ކުޑަކުދިން ކަމަށް ވެސް ޕޫނަމް ވިދާޅުވެފައި ވެއެވެ. ގައިންގަޔަށް ނާރާ ބަލިތައް މީހުންނަށް ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ވެސް ވައި ނުސާފުވުންކަން އޭނާ ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ގޭތެރޭގެ ވައި ނުސާފުވުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވާ މީހުންގެ 40 ޕަސެންޓަކީ ދެކުނު އިރުމަތީ އޭޝިއާގެ 11 ގައުމަކަށް ނިސްބަތްވާ މީހުން ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.