02 Feb 2011, 10:25
ސައުތް އޭޝިޔަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ މެންބަރު ގައުމުތަކުގެ ޒުވާނުންގެ މެދުގައި ބާއްވާ ތިން ވަނަ ޔޫތު ކޭމްޕް މި މަހު ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ހޯމް މިނިސްޓްރީގެ ޔޫތު ޑިޕާޓްމެންޓުގެ އިސް އޮފިޝަލެއް މިއަދު ވިދާޅުވީ، ސާކް ޔޫތު ކޭމްޕް އޮންނާނީ މިމަހުގެ 21-26 އަށް ކ. ހުރާގައި ކަމަށެވެ. ސާކްގެ މެންބަރު ގައުމުތަކުން 48 ޒުވާނުން ބައިވެރިވާ އެ ކޭމްޕުގައި ހަތަރު ގައުމަކުން ބައިވެރިވާނެ ކަން މިހާރު ކަށަވަރުވެފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އެ ކޭމްޕުގެ ޝިޔާރަކަށް ކަނޑައަޅާފައިވަނީ "މިއަދާއި މާދަމައަށްޓަކައި ތިމާވެއްޓާއި މެދު ޒިންމާދާރުވޭ!" މި ޝިޔާރެވެ.
"މިފަހަރުގެ ކޭމްޕުގެ ޝިޔާރު ވެސް މިއޮތީ ރާއްޖެއާ ގުޅުވާލާފައި. އެއީ ރާއްޖެއަށް ވަރަށް ބޮޑަށް ދިމާވެފައިވާ މައްސަލައެއް ތިމާވެށީގެ މައްސަލައަކީ. ޒުވާނުން އެ މައްސަލަ އާ މެދު ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ،" އޮފިޝަލު ވިދާޅުވި އެވެ.
ދެހާސް ހަ ވަނަ އަހަރު ބޭއްވި ސާކް ސަމިޓުން ފާސްކޮށްގެން އަހަރަކު އެއްފަހަރު ބާއްވާ ޔޫތު ކޭމްޕު އެންމެ ފުރަތަމަ ބޭއްވީ 2007 ވަނަ އަހަރު ބަންގުލަދޭޝް ގަ އެވެ. އަދި ދެ ވަނަ ކޭމްޕު ބޭއްވީ 2008 ވަނަ އަހަރު ލަންކާގަ އެވެ. މިއީ ސާކްގެ ތާރީހުގައި ޔޫތު ކޭމްޕު ބާއްވާ ތިންވަނަ ފަހަރެވެ.
ސާކު ސަމިޓު އެ އަހަރަކު ބާއްވާ ގައުމެއްގަ އޮންނަ އެ ކޭމްޕުގައި، ސާކު ގައުމުތަކުގެ ޒުވާނުންގެ މެދުގައި ހުރި މައްސަލަތަކާއި ޒުވާނުންނަށް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅޭ ގޮތުން މަޝްވަރާކުރާނެ އެވެ. އަދި އެ ކޭމްޕުގައި ޒުވާނުން ނިންމާ ނިންމުންތައް ސާކް ސަމިޓުން ފާސްކުރާ ގަރާރުގައި ހިމަނަ އެވެ.
ސާކް ސަމިޓް އޮންނާނީ މި އަހަރު ފަހުކޮޅުގަ އެވެ.