14 Dec 2014, 16:27
ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ނޫން ކަމަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ނޫސްވެރިންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ ފަނޑިޔާރުންގެ ވާހަކައަކީ ޕީޕީއެމްގެ މެމްބަރުންނަށް މާ "ދޯޅު" ވާހަކައެއް ނޫން ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން ވަރަށް ގިނައިން ސިޔާސީ އެކި ހަރަކާތްތަކުގައި ފަނޑިޔާރުންގެ ވާހަކަ ދައްކަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ނިހާން ވިދާޅުވީ މަޖިލީހުގެ މެމްބަރުން ގާނޫނު އުވާލުމާއި ގާނޫނަށް ބަދަލު ގެނައުމުގެ ބާރު ލިބިފައިވާ ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން ވެސް ގަބޫލުކުރީ ކުރާ ކަމެއް ކުރަންޖެހޭނީ މަގުމައްޗަކު ނޫނޭ. އަޅުގަނޑުމެންނަށް ވެސް އެބަހުރި މެންޑޭޓެއް ދީފައި. އެހެންވެސް އެ އުސޫލަށް އެމްޑީޕީން ޓްރެކްވީ ކަމަށް އަޅުގަނޑުމެން ގަބޫލުކުރީ. އަޅުގަނޑުމެން ހީކުރީ މަގުމަތީގައި ކޯޓު ހެއްދުމުގެ ބަދަލުގައި އެމްޑީޕީން ރަނގަޅު ޓްރެކަށް ވަނީ ކަމަށް. ދެން އަދި ރީކޯ މޫސާ ވެސް މިކަމަށް ތާއީދު ކުރެއްވީމަ ދެން އަޅުގަނޑުމެން ވެސް ވިސްނީ އަޅުގަނޑުމެންގެ ހިޔާލު ބަދަލުކޮށް އަޅުގަނޑުމެން ކުރިންކީ އެއްޗެހި ވެސް ކުރަން. އެދުވަހުން ފެށިގެން އަޅުގަނޑުމެން ގަބޫލުކުރަމުން އައީ އެއުސޫލުން ކުރެވޭ ރަނގަޅު މަސައްކަތެއްގެ ގޮތުގައި." ނިހާން ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ މިއަދު މަޖިލީހުން ވަކިކުރެއްވި އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންއާ ދެކޮޅަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ދައްކަވާފައިވާ ވާހަކަތައް ތާރީހާ އެއްކޮށް ނޫސްތަކުން ފެންނަން އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވީ މިއަދުގެ ނިންމުން އެގޮތަށް ބަދަަލުކުރުމަށް ހުށަހަލާފައި ވަނީ އެމްޑީޕީގެ ފަރާތުން ކަމަށާއި އެހެންނަމަވެސް ފަހުން އެ ޕާޓީން އެކަމުން ބަރީއަވެގަތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ކުރީގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ރައްޔިތުންގެ މަޖިލީހުން މިއަދު ވަކިކުރީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ށ. އަށް ރިއާޔަތްކޮށްގެންނެވެ.
އެ މާއްދާގެ ށ.ގައި ބުނަނީ "ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް، ނުވަތަ އެ މަގާމާ އެެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.
ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ވޯޓު ދެއްވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ. އަދި އޭގެ ކުރީން ޖޭއެސްސީ އިން ވަނީ އެ ދެ ފަނޑިޔާރުންނަކީ ގާބިލު ނޫން ފަނޑިޔާރުން ކަމަށް ނިންމައިފަ އެވެ.