14 Dec 2014, 16:19
މަގާމުން ވަކިކޮށްފައި ވަނީ ޑިމޮކްރެޓިކް އުސޫލުން އަމަލު ކުރާ ގައުމުތަކުގައި ކަންކުރާ އުސޫލުން ނޫން ކަމަށް ފަނޑިޔާރު ކަމުގެ މަގާމުން މިއަދު ވަކިކުރެއްވި ދިވެހި ރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ސަން އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި ފާއިޒު ވިދާޅުވީ ޑިމޮކްރެޓިކް އުސޫލުންނާއި އަން ޑިމޮކްރެޓިކްކޮށް ކަންތައްތައް ކުރާ ގައުމުތައް އެބަހުރި ކަމަށާއި އެމަނިކުފާނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކޮށްފައި ވަނީ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާ ގައުމުތަކުން ކަންކުރާ ގޮތަށް ނޫން ކަމަށެވެ.
"ދުނިޔޭގެ އެއްވެސް ގައުމެއްގައި. ޑިމޮކްރެޓިކް ގައުމުތައް، އަޅުގަނޑުމެން ރާއްޖެ އިން ބޭރު ސިފަކުރާ ކަމަށް ވަންޏާ އެބަހުރި ޑިމޮކްރެޓިކް އުސޫލުތަކުން ކަންކުރާ ގައުމުތަކާއި އަން ޑިމޮކްރެޓިކްކޮށް ކަންކުރާ ގައުމުތައް. އެކަމަކު ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވެގެން ކަން ކުރާ ގޮތަކަށް ނޫން ދެއްތޯ މިފަހަރު ދިޔައީކީ،" ފާއިޒު ވިދާޅުވި އެވެ.
ފާއިޒު ވިދާޅުވީ އެމަނިކުފާނާއި މުއުތަސިމް ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށެވެ. އަދި ފަނޑިޔާރުން މަގާމުން ވަކިކުރެވޭނެ އުސޫލުތައް ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް ކިޔައިދީފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ރައްޔިތުންގެ މަޖިލީހުން ނިންމި ނިންމުމާ ބެހޭ ގޮތުން އަޅުގަނޑަށް ދެންނެވެން އޮތީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމެއް ކަމަށް. ގާނޫނު އަސާސީގައި އެބައޮތް ފަނޑިޔާރުން ވަކި ކުރެވޭނެ އުސޫލުތައް ވަރަށް ސާފުކޮށް ކިޔައިދީފައި. އެހެންވީމަ އެ އުސޫލުތައް އޮއްވައި އެ އުސޫލުތަކަށް ތަބާނުވެ، ނޫނީ ގާނޫނު އަސާސީގެ އެ މާއްދާތަކަށް ތަބާނުވެ އެ ނިންމި ނިންމުމަކީ ޣައިރު ދުސްތޫރީ ނިންމުމެއްގެ ގޮތުގައި،" ފާއިޒު ވިދާޅުވި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރަކާ މެދު ނިންމުމެއް ނިންމާއިރު އެ ކޮމިޝަނުން ފުރިހަމަ ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި އެހެންނަމަވެސް ކަންތައް ވެގެންދިޔައީ އެހެން ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"ޖުޑީޝަލް ސާވިސް ކޮމިޝަނުން ފަނޑިޔާރަކާ މެދު ފިޔަވަޅެއް އަޅުއްވާ އިރު، ފަނޑިޔާރަކާ ބެހޭ ގޮތުން ނިންމުމެއް ނިންމަވާއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ވެސް އޮތީ ވަކި އުސޫލުތަކާ އެއްގޮތަށް އެކަން ކުރަން އޮތީ. އެހެންވީމާ ހަމަ އެހުރި ފެއާ ޕްރޮސީޖާތައް އިގްނޯ [އެއްފަރާތްކުރުން] ކޮށްލާފައި ކަމެއް ނިންމުމުގެ ބާރެއް އޮތްތަނެއް ނޫން އެތަނަކީ،" ފާއިޒު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ބެންޗު ފަހަކަށް ތިރިކުރުމަށް ކޯޓުތަކުގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހާ ގުޅޭ ގޮތުން ފާއިޒު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ގާނޫނުތަކަށް ބަދަލުގެނައުމަކީ މަޖިލީހަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ފަސޭހަކަމާ އެކު ފަނޑިޔާރުން މަގާމުން ވަކިކުރެވިގެންދާ ކަމުގައިވާ ނަމަ ފަނޑިޔާރު ގެއަކީ މުސްތަގިއްލުތަނެއްގެ ގޮތުގައި ދެމި ނޯންނާނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުން ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ކުރީގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ވަކިކުރީ ގާނޫނު އަސާސީގެ 154 ވަނަ މާއްދާގެ ށ. އަށް ރިއާޔަތްކޮށްގެންނެވެ.
އެ މާއްދާގެ ށ.ގައި ބުނަނީ "ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ފަނޑިޔާރު ކަމުގެ މަގާމަށް އެ މީހަކު ގާބިލު ނޫން ކަމަށް، ނުވަތަ އެ މަގާމާ އެެކަށީގެން ނުވާ ފަދަ އަމަލެއް އެ ފަނޑިޔާރަކު ކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ގަބޫލު ކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާ އަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުންނެވެ.
ފާއިޒާއި މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ވޯޓު ދެއްވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.
އަދި އޭގެ ކުރީން ޖޭއެސްސީ އިން ވަނީ އެ ދެ ފަނޑިޔާރުންނަކީ ގާބިލު ނޫން ފަނޑިޔާރުން ކަމަށް ނިންމައިފަ އެވެ.