ދައުލަތުގެ އެކި މުއައްސަސާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނަށް ފޯން އެލަަވަންސްގެ ގޮތުގައި ދޭން ޖެހޭ އަދަދު ކަނޑައަޅައި ސާކިއުލާއެއް ނެރެފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސޮއިކުރައްވައި އެ މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ފޯން އެލަވަންސަކީ އެމީހެއްގެ ވަޒީފާގެ މަސްއޫލިއްޔަތާއި ވާޖިބުތައް އުފުލުމުގައި އެކިފަރާތްތަކާ އެ މީހަކު ފޯނުން ގުޅަން ޖެހޭތީދޭ އެލަވަންސެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ މަޖިލީހުން ފޯން އެލަަވަންސް ދިނުމަށް ވަކިގޮތަކަށް ކަނޑައަޅުއްވާފައިވާ މަގާމުތައް ފިޔަަވައި ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް ފޯން އެލަވަންސް ދިނުމުގައި އަމަލުކުރަން ޖެހޭނެ ގޮތް އެ ސާކިއުލާގައި ވަނީ އަންގައިފަ އެވެ.

އެގޮތުން އެލަވަންސްގެ ގޮތުގައި ދިނުމަށް އަންގާފައި ވަނީ، ސްޓޭޓް މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް މަހަކު 1500 ރުފިޔާ އާއި ޑެޕިއުޓީ މިނިސްޓަރުންނާއި ޕާމަނަންޓް ސެކްރެޓަރީންނަށް މަހަކު 1000 ރުފިޔާ އާއި މިނިސްޓަރުންގެ އެޑްވައިޒަރުންނަށް މަހަކު 800 ރުފިޔާ، އެހެނިހެން ސިޔާސީ މަގާމުތަކަށް މަހަކު 500 ރުފިޔާ އެވެ.

އޭގެ އިތުރުން ޑިވިޝަން ހެޑާއި ޑިޕާޓްމަންޓް ހެޑަށް މަހަކު 500 ރުފިޔާ، ސެކްޝަން ހެޑަށް މަހަކު 350 ރުފިޔާ އާއި ރަސްމީ ގަޑިއާއި ރަސްމީގަޑީގެ އިތުރުން އޮފީހުގެ ބޭނުމަށް މޮބައިލްފޯނު ބޭނުންކުރާ މުއައްޒަފުންނަށް މަހަކު 100 ރުފިޔާ އާއި 250 ރުފިޔާ އާއި ދެމެދުގެ އަދަދަކުން ފައިސާ ދިނުމަށް ވަނީ އަންގާފަ އެވެ.

އެހެންކަމުން ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް މި ޑިސެމްބަރު މަހުން ފެށިގެން އެ އުސޫލަށް އަމަލުކުރުމަށް އަންގާ ކަމަށާއި މިހާރުގެ ސާކިއުލާއަށް އަމަލުކުރަން ފެށުމާ އެކު ކުރިން އަމަލުކުރަމުން އައި ސާކިއުލާ ބާތިލްވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.