އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމަށް މިރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަން މަޖިލީހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިޜާގެ މެންބަރު ރޮޒައިނާ އާދަމް "ސަން" އަށް ވިދާޅުވީ މިރޭ ޖަލްސާ ބާއްވާ ކަމަށް އެސްއެމްއެސް ލިބިފައިވާކަމަށާއި ޖަލްސާއަކީ އުއްތަމަ ފަނޑިޔާރު އައްޔަން ކުރުމަށް ބާއްވާ ޖަލްސާއެއް ކަމަށް އެސްއެމްއެސްގައި ބުނެފައިވާ ކަމަށެވެ.

އެހެންނަމަވެސް ޖަލްސާގެ އެޖެންޑާ މަޖިލީހުން އަދި އާންމުކޮށްފައެއް ނުވެ އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސެއިނާއި ފަނޑިޔާރު މުއުތަސިމް އަދުނާން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ވަކިކޮށްފަ އެވެ.

ގާނޫނު އަސާސީ ބުނާ ގޮތުން އުއްތަމަ ފަނޑިޔާރު އައްޔަން ކުރަން ޖެހެނީ ޖޭއެސްސީގެ މަޝްވަރާގެ މަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކަށް ހުށަހަޅައި، އެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރި މެމްބަރުންގެ އަޣުލަބިއްޔަތުން އެ ނަމެއް ފާސްވުމުންނެވެ.