14 Dec 2014, 15:04
ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު އަހުމަދު މުއްތަސިމް އަދުނާނު ވަކި ކުރަން މިއަދު ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި އެ ޕާޓީގެ މެމްބަރުންނާ ދޭތެރޭ ފިޔަވަޅު އަޅާނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
އެމްޑިޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ދެ ބައްދަލުވުމެއްގެ އިއްތިފާގުން ނިންމި ނިންމުމާ ބައެއް މެމްބަރުން ހިލާފުވެފައިވާ ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ޕާޓީގެ ސެކްރެޓޭރިއަޓުގެ ބައްދަލުވުމަކަށް ފަހު ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރަށާއި އެ ޕާޓީގެ ޕީޖީ ގްރޫޕުގެ ލީޑަރަށް އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ދެ ބައްދަލުވުމުގެ އިއްތިފާގުން ނިންމި ނިންމުމާއި އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރުުނު ތްރީ ލައިން ވިޕާ ހިލާފުވި މެމްބަރުންނަށް ފިޔަވަޅު އެޅުމަށް ސިޓީއަކުން އަންގާފައިވާނެ ކަމަށެވެ.
"ހަގީގަތުގައި ޕާލިމަންޓްރީ ގްރޫޕުގެ ގަވައިދެއް އޮވޭ. ޕާލިމަންޓްރީ ގްރޫޕުގެ ކަންކަމާ ގުޅިގެން އެކަންކަން ބެލުމުގެ އިހުތިޔާރު އޮންނަނީ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރަށް. އެހެންނަމަވެސް ގައުމީ ހިންގާ ކޮމިޓީގެ އެންމެ އިސް ބޭފުޅަކީ ޕާޓީގެ ޗެއާޕާސަން. މި ދައުރުގައި ގައުމީ ހިންގާ ކޮމިޓީން އެދުނު ވޯޓަކީ މިއީ. އެހެންވީމަ އަޅުގަނޑުމެންގެ ވެސް ޒިންމާއެއް އޮވޭ އެ ވޯޓު ރަނގަޅަށް ތަންފީޒުވީތޯ ބެލުން." އަލީ ވަހީދު ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާގައި ހަ މެމްބަރަކު ވަނީ އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމާއި ޕީޖީ ގްރޫޕުން ނެރުނު ތްރީ ލައިން ވިޕާ ހިލާފުވެފަ އެވެ.
އެމްޑީޕީގެ ވައިސް ޗެއާޕާސަން އަލީ ނިޔާޒް ވިދާޅުވީ ބައެއް މެމްބަރުން ތަފާތު އުޒުރުތައް ދައްކާފައިވާ ކަމަށާއި އުޒުރު ދެއްކި ނަމަވެސް ޕާޓީގެ ނިންމުމާ ހިލާފުވި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.
"އަޅުގަނޑު ހަމަ ސްޕެސިފިކްކޮށް ދަންނަވާލާނަން މެމްބަރެއްގެ ނަން ވެސް. ވެލިދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު ޔާމީނު ވިދާޅު ވަނީ ތިމަންނަ މިމަހުގެ 12 އިން 25 އަށް ހުރީ ޗުއްޓީގައޭ. ޕާޓީ އަށް އަންގާފައޭ އޮންނާނީ. ތެދެއް، އެހެން އެންގެވި. އެބޭފުޅާ އެއާޕޯޓުގައި ހުންނަވަނިކޮށް ޗެއާޕާސަން ގުޅުއްވާފައި ވިދާޅުވީ ތިކަމުގައި ހިނގާ ހަރަދެއް ވެސް ތިމަންނަ އަމިއްލަ ޖީބުންދޭ ގޮތަށޭ މިހިރީ މި ވޯޓުގައި ބައިވެރިވުމަށް މަޑުކޮށްދޭށޭ. އެހެންނަމަވެސް ވިދާޅުވި ތިމަންނަ އަންނާނަމޭ. އެހެންނަމަވެސް ފަހު ވަގުތު ވިދާޅުވީ ސީޓެއް ނުލިބުނޭ." ނިޔާޒު ވިދާޅުވި އެވެ.
އެމްޑީޕީން ނެރުނު ތްރީ ލައިން ވިޕާ އެއްކޮޅަށް މިއަދު ވޯޓު ދެއްވީ 17 މެމްބަރުންނެވެ.