14 Dec 2014, 15:03
މ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި އިއްޔެ ކުޅުނު ގްރޫޕް 'އޭ' ގެ އެންމެ ފަހު މެޗު އެއްވަރުވެ، ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެ މުބަރާތުގައި އިއްޔެ ކުޅުނު މެޗުގައި ބައްދަލުކުރީ ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާ އާއި މުލީ އެކުވެރިންގެ ދިރުމެވެ. އެ މެޗު އެއްވަރުވެފައި ވަނީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑު ނެގީ މުލީ އެކުވެރި ދިރުމުންނެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމްގެ ސުނާނު ގާސިމް އެވެ.
މެޗުގެ ދެވަނަ ހާފްގައި ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާއަށް ޕެނަލްޓީއެއް ލިބިފައި ވާއިރު، އެ ޓީމަށް ވަނީ އެ ޕެނަލްޓީ ކާމިޔާބު ކުރެވޭގޮތް ނުވެފައެވެ. ނަމަވެސް ޕެނަލްޓީ ލިބުންތާ އިރުކޮޅެއް ފަހުން އެ ޓީމް ވަނީ ލަނޑެއް ކާމިޔާބުކޮށް، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ލަނޑު ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާއަށް ކާމިޔަބުކޮށްދިނީ އެ ޓީމްގެ އަލީ ފަހީމް އެވެ. އެ ނަތީޖާއާއެކު މެޗު ނިމިގެން ގޮސްފައި ވާއިރު، އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މުލީ އެކުވެރިންގެ ދިރުމުގެ އަހުމަދު މިދުހަތު އެވެ.
އެ މެޗުން ލިބުނު ޕޮއިންޓާއެކު ކޮޅުފުށީ ޒުވާނުންގެ ޖަމިއްޔާއަށް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މުޅިއަކު ހަތަރު ޕޮއިންޓު ލިބިފައި ވާއިރު، އެ ޓީމް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފައި ވަނީ ގްރޫޕް 'އޭ' ގެ ދެވަނަ ޓީމެއްގެ ގޮތުގައެވެ.
އެ މުބާރާތުގައި ގްރޫޕް 'އޭ' ތާވަލްގެ އެއްވަނަ މާގާމް ހޯދައިން ސެމީގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ޓީމަކީ މުލަކު އެކުވެރި ކްލަބެވެ. އެ ޓީމް ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، މުޅިއަކު ނުވަ ޕޮއިންޓު ހޯދާފައެވެ.
މ. އަތޮޅު ފުޓްބޯޅަ މުބާރާތުގައި ދެން ކުޅެން ހަމަޖެހިފައި ވަނީ ގްރޫޕް 'ބީ' ގެ ދެ މެޗެވެ. އެ ގްރޫޕްގެ ޓީމްތަކުގެ މެދުގައި މިއަދު ކުޅޭ މެޗުގައި ބައްދަލުކުރަން ހަމަޖެހިފައި ވަނީ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ އާއި މުލީ ސްޕޯޓްސް ކްލަބެވެ. މުލީ ސްޕޯޓްސް ކްލަބް މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުންވެސް ބަލިވެ ސެމީއަށް ދަތުރު ކުރުމުގެ ފުރުސަތު ގެއްލިފައި ވާއިރު، އެ މެޗު ކާމިޔާބު ކޮށްފިނަމަ މުލަކު އެކުވެރި ޒުވާނުންގެ ޖަމިއްޔާ ސެމީއަށް ދަތުރު ކުރާނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ގްރުޕް 'ބީ' ތާވަލްގެ އެއްވަނަ މަގާމް ހާސިލް ކޮށްގެނެވެ.