ގއ. ދެއްވަދޫ ކައުންސިލުން އިންތިޒާމްކޮށްގެން 'ދެއްވަދޫ ރަސްގެފާނު ކަޕް 2014' ގެ ނަމުގައި ކުރިއަށް ގެންދިޔަ ފުޓްބޯޅަ މުބާރާތުގެ ޗެންޕިއަންކަން ވައްކޯ ސްޕޯޓްސް ހޯދައިފިއެވެ.

ވައްކޯ ސްޕޯޓްސް މުބާރާތުގެ ޗެންޕިއަންކަން ހޯދީ އެ މުބާރާތުގައި މި މަހުގެ 12 ވަނަ ދުވަހު ކުޅުނު ފައިނަލް މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެނެވެ. އެ މެޗުގައި އެ ޓީމާ ވާދަކުރީ ހަވިއްތަ ސްޕޯޓްސް އެވެ.

އެ މެޗުގައި ވައްކޯ ސްޕޯޓްސްއަށް ކާމިޔާބުކުރެވުނު ތިން ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ އަހުމަދު ނޫމާނު އާއި މައްސޫދު އިބްރާހިމް އަދި ނަސޫހު ސައީދު އެވެ. އެ މެޗުގައި ހަވިއްތަ ސްޕޯޓްސްއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ މުސްތަފާ އަބްދުލް ކަރީމް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވައްކޯ ސްޕޯޓްސްގެ އަހުމަދު ނޫމާން އެވެ.

މުބާރާތުގެ ފައިނަލް މެޗަށްފަހު ބޭއްވި އިނާމް ދިނުމުގެ ހަފްލާގައި މުބާރާތުގެ ޗެންޕިއަން ޓީމަށް ތައްޓާއި އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަދި ދެއްވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ތައުފީގް އެވެ. އެ ހަފްލާގައި މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށްވެސް ވަނީ ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައެވެ.

މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވައްކޯ ސްޕޯޓްސްގެ އަހުމަދު ނޫމާން އެވެ. އަދި މުބާރާތުގެ ފެއާ ޕްލޭ ކުޅުންތެރިއަކަށް ހޮވުނީ ހަވިއްތަ ސްޕޯޓްސްގެ ހުސައިން ނިޝާން އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ވައްކޯ ސްޕޯޓްސްގެ ހުސައިން ފިރާހު މުހައްމަދު ހޮވުނުއިރު، މުބާރާތުގައި 19 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ހަވިއްތަ ސްޕޯޓްސްގެ ނާއިޒް ހަސަން އެވެ. އެ މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ އޮކާއޯ ސްޕޯޓްސް އެވެ.

ދެއްވަދޫގެ ފަސް ޓީމެއް ބައިވެރިވި އެ މުބާރާތް ފަށާފައި ވަނީ މިމަހުގެ ކުރީކޮޅު އެވެ. ދެއްވަދޫ ރަސްގެފާނުގެ ހަނދާނުގައި ބާއްވާ އެ މުބާރާތް ބާއްވަމުން އަންނަތާ މިއީ 14 ވަނަ އަހަރެވެ. އެ މުބާރާތުގެ ތަށި އަދި މިހާތަނަށް އެއްވެސް ޓީމަކަށް މިލްކު ކުރެވިފައި ނުވާއިރު، މިއީ ވައްކޯ ސްޕޯޓްސް އެ މުބާރާތުގެ ތަށި ޖެހިޖެހިގެން އުފުލާލި ދެވަނަ ފަހަރެވެ.