14 Dec 2014, 13:56
ސިއްޙަތަށް ފައިދާ ހުރި ރަނގަޅު ކާނާ ބޭނުންކޮށް އަދި އެކަމަށް ޚާއްސަ ވަގުތުގައި ކާނާ ބޭނުންކުރުމުން އަރާމު ނިންޖެއް ލިބިގަނެވޭނެ ކަމުގައި ތަޖުރިބާކާރުން ހާމަކުރައްވަ އެވެ. އަދި އެގޮތުން އެންމެ މުހިންމު ކަމެއް ގޮތުގައި އަބަދުވެސް ނިދުމުގެ ދެގަޑިއިރު ކުރިން ކެއުމަށް އާދަކުރައްވާށެވެ. މި ލިޔުމުގައި އަލިއަޅުވާލާނީ އަރާމު ނިންޖެއް ހޯދުމަށް ކެއުމުގައި ހިމަނާލެވިދާނެ ބައެއް ކާނާތަކަށެވެ.
އާމަންޑްސް
އާމްންޑްގައި ހިމެނޭ "މެގްނީޒިޔަމް"މި މާއްދާގެ ސަބަބުން ނިދުމަށާއި އަދި މަސްތަކަށް ހިމޭން ކަމެއް ގެނެސްދިނުމަށް އެހީތެރިވެދެ އެވެ. އަދި ހަށިގަނޑަށް ޕްރޮޓީންސް ފޯރުކޮށްދިނުމުގެ ސަބަބުން ނިދާ އިރު ހަކުރުގެ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. ވުމާއެކު، މިއީ ނިދުމުގެ ކުރިން "ސްނެކް" އެއްގެ ގޮތުގައި ބޭނުންކުުރުމަށް ވެސް ރަނގަޅު ބާވަތެކެވެ.
ސައި
ހަވީރުގެ ފަހުން ކެފެއިން އެކުލެވިގެންވާ އެއްޗެހި ބޭނުންކުރެވުމުގެ ބަދަލުގައި ސައި ބޭނުންކުރައްވާށެވެ. އޭރުން ރޭގަނޑުގެ ވަގުތުގައި ރަނގަޅު ނިންޖެއް ލިބިގެންދާނެ އެވެ. އެގޮތުން ތަފާތު ވަތްތަރުގެ ސައިގެ ތެރެއިން އެންމެ ރަނގަޅީ ފެހި ސައި ބޭނުންކުރުމެވެ.
ދޮންކެޔޮ
ނިދަން އުދަނގޫ ވާނަމަ ނިދުމުގެ ކުރިން ދޮންކެޔޮ، ކެއުމަށް ބޭނުންކުރައްވާށެވެ. މިއީ ވެސް މެގްނީޒިޔަމް އަދި ޕޮޓޭސިޔަމް އިން މުއްސަނދިވެފައިވާ މޭވާއެކެވެ. ވުމާ އެކު ނިދުމަށް އަދި މަސްތަކަށް ހިމޭންކަން ގެނެސްދިނުމަށް އެހީތެރިވެދެ އެވެ.
ފެނުކެއްކި ބިސް
ނިދުމުގެ ކުރިން ޕްރޮޓީންސް އެކުލެވިގެންވާ ކާނާއެއް ބޭނުންނުކުރާ ނަމަ ނިދުމުގައި އުދަނގޫތަކެއް ދިމާވުމުގެ ފުރުސަތު ބޮޑެވެ. ވުމާ އެކު، ގިނަ އަދަަދަކަށް ޕްރޮޓީންސް އެކުލެވިގެންވާ، ފެނުގައި ކައްކާފައިވާ ބިސް ބޭނުންކުުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ.
ޗެރީސް
ޗެރީ ޖޫސްތައްޓެއް ބޯލުމަކީ އަވަހަށް ނިދިގެންދާނެ ގޮތެއް ކަމުގައި ދިރާސާކުރައްވާ ބޭފުޅުން ހާމަކުރައްވަ އެވެ. އަދި މިކަމުގައި ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ނިދުމުގެ ކުރިން ޗެރީ ޖޫސްތައްޓެއް، ނުވަތަ ހުހަށް ނަމަވެސް ޗެރީކޮޅެއް ކާލުމަކީ ގެއްލުންހުރި ކަމެއް ނޫންކަމުގަ އެވެ. ހަމައެއާ އެކު އެމެރިކާގެ ޔުނިވާސިޓީއަކުން ވަރަށް މިފަހުން ކުރި ދިރާސާއަކުން ހާމަވި ގޮތުގައި ޗެރީ ބޭނުންކުުރުމުން ހަށިގަނޑުގައި މެލަޓޮނިންގެ މިންވަރު އިތުރުވެ އިންސޮމްނިއާ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާލިބެ އެވެ.
މައުލޫމާތު: ހެލްތު ޑައިޖެސްޓް