މަގުމަތީގައި ފުލުހުން ޖަހާފައި ހުރި ބެރިކޭޑްތަކެއް ފަޅާލައި ސައިކަލެއްގައި ވަތް ދެ މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ސަން އަށް ވިދާޅުވީ މަޖީދިއްޔާ ސްކޫލްގެ ގޭޓާވީ ދިމާލު އަބަދަށްފެހި މަގުގައި ޖަހާފައި ހުރި ބެރިކޭޑްތަކެއްގެ ތެރެއަށް ސައިކަލުގައި މިއަދު މެންދުރު ވަތް ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 17 އަހަރުގެ ކުއްޖަކާއި 19 އަހަރުގެ މީހެކެވެ.

ފުލުހުން ބުނީ އެ ދެމީހުން ހައްޔަރު ކުރީ ސަލާމަތީ ގޮތުން ފުލުހުން ބަލަހައްޓަމުން ދިޔަ ސަރަހެއްދެއްގައި ޖަހާފައި ހުރި ބެރިކޭޑްތަކެއް ފަޅާލައި ސައިކަލުގައި ވަދެ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރި ވުމުގެ ކުށުގައި ކަމަށެވެ.

މާލޭގައި މިހާރު ކުރަމުންދާ މުޒާހަރާއާ ގުޅިގެން ފުލުހުން ވަނީ މަޖީދިއްޔާ ސްކޫލް ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް ބެރިކޭޑް ޖަހައި ބަންދުކޮށްފަ އެވެ.