ފުލުހުން ސެކިއުރިޓީ ބަލަހައްޓަމުން އަންނަ ދަށުކޯޓްތައް ހިމެނޭ ޖަސްޓިސް އިމާރާތުގައި ރޭ ތަޅު ބަޔަކު އަޅުވައިފި އެވެ.

ސަން އޮންލައިނާ ވާހަކަ ދައްކަމުން ޖަސްޓިސް އިމާރާތުގެ މުވައްޒަފަކު މިއަދު ބުނީ އޮފީސް ހުޅުވުމަށް މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު ޖަސްޓިސް އިމާރާތުގެ ދޮރުގައި ހުރީ ޗޭނުގަނޑެއް ޖަހައި ތަޅު އަޅުވާފައި ކަމަށެވެ. އެކަމަކު ޗޭނު ޖަހާފައި ހުރީ ވަރަށް ފަސޭހައިން ނެއްޓޭ ގޮތަށް ކަމަށް ވެސް އޭނާ ބުންޏެވެ.

"އޮފީސް ހުޅުވަން އައިއިރު ހުރީ ތަޅު އަޅުވާފައި. އެކަމަކު ޗޭނުގަނޑު ވަރަށް ފަސޭހައިން ހިއްލާލައިގެން ދޮރު ހުޅުވިއްޖެ. އޭރު އަދި [ސެކިއުރިޓީ ބަލަހައްޓާ] ފުލުހުންނެއް ނާދޭ،" އޭނާ ބުންޏެވެ.

ޖަސްޓިސް އިމާރާތުގައި ތަޅު އަޅުވާފައި މި ވަނީ އައްޑޫ ސިޓީ ކައުންސިލް އުފެއްދުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައެޅި ޝަރުތުތައް ޖަސްޓިސް އިމާރާތުގައި ހިންގާ ސިވިލް ކޯޓުން ބާތިލްކޮށްފައި ވަނިކޮށެވެ.

އަދި އެ ހުކުމާ ގުޅިގެން އައްޑޫގައި ވަނީ ރޭ މުޒާހަރާ ވެސް ކޮށްފަ އެވެ. އެ މުޒާހަރާގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެފައި ވަނީ މާދަމާ އައްޑޫގައި އެއްވެސް ކޯޓެއް ހުޅިވިޔަ ނުދޭނެ ކަމަށެވެ. އަދި ރޭ ހިތަދޫ ކޯޓުގައި ވެސް ވަނީ ތަޅު އަޅުވާފަ އެވެ.