ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ ކުޅުނު މެޗު އެއްވަރުވުމުން ތާވަލްގެ އެއްވަނާގައި އޮތް ރެއާލް މެޑްރިޑް އެ މަގާމުގައި ހަމަޖެހިލައިފި އެވެ.

ލަލީގާ ތާވަލްގެ އެއްވަނަ މަގާމަށް ވާދަ ކުރާ ދެ ޓީމް ކަމަށްވާ ބާސާ އާއި ރެއާލްގެ މެދުގައި ޕޮއިންޓުގެ ގޮތުން އޮތް ފަރަގު ރޭގެ މެޗާ އެކު އިތުރުވެފައިވާ އިރު، އެ ދެ ޓީމް ވެސް މިހާތަނަށް ލީގުގައި 15 މެޗު ކުޅެފައިވެ އެވެ. ކުޅުނު 15 މެޗުގެ ތެރެއިން 13 މެޗު ކާމިޔާބުކޮށް، ރެއާލް ތާވަލްގެ އެއްވަނަ ހޯދާފައި ވަނީ 39 ޕޮއިންޓާ އެކު އެވެ. އަދި އެ ޓީމާ އެންމެ ގާތުން ވާދަކުރަމުން އަންނަ ބާސާއަށް ވަނީ 35 ޕޮއިންޓާ އެކު ތާވަލްގެ ދެވަނަ މަގާމުގައި ފަރުޖައްސާލަން ޖެހިފަ އެވެ.

ރޭގެ މެޗު ކާމިޔާބު ކުރެވުނު ނަމަ ރެއާލް އާއި އެ ޓީމާ ދެމެދު ޕޮއިންޓުގެ ގޮތުން އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަ ކޮށްލެވެން ބާސާއަށް ފުރުސަތު އޮތެވެ. ނަމަވެސް ރޭގެ މެޗުގައި އެ ޓީމްގެ ރިކޯޑާ ހިލާފަށް އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައި ނުވާ އިރު، އެ މެޗުގެ ނަތީޖާ ހަމަހަމަ ވެފައި ވަނީ 0-0 ކުންނެވެ.

ރޭގެ މެޗުގައި ބާސާއާ ދެކޮޅަށް ވާދަކުރީ ގެޓާފޭ އެވެ. މެޗުގެ 76 އިންސައްތައިގައި ބޯޅަ ގެންގުޅުނު ބާސާ ވަނީ އެ މެޗުގައި ގެޓާފޭގެ ގޯލަށް ފޮނުވާލި 23 ހަމަލާގެ ތެރެއިން 13 ހަމަލާ ގޯލަށް އަމާޒުކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފްގައި ބާސާ ގިނަ ހަމަލާތަކެއް އުފައްދާފައިވާ އިރު، ގެޓާފޭއަށް ފުރަތަމަ ހާފްގެ ފަހުވަގުތުކޮޅު ލިބުނު ރަނގަޅު ފުރުސަތެއްގައި އެ ޓީމްގެ އިޓަލީ ކުޅުންތެރިޔާ ލަފީޓާ ފޮނުވާލި ބޯޅަ ބާސާގެ ކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ ދިފާއުކޮށްފަ އެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ ހަތް މިނެޓުތެރޭ ބާސާއަށް ލިބުނު ހިލޭ ޖެހުމެއްގައި އެ ޓީމްގެ ތަރި ލައޮނަލް މެސީ ފޮނުވާލި ބޯޅަ ޖެހިފައި ވަނީ ގެޓާފޭ ގޯލުގެ ދަނޑީގަ އެވެ. އޭގެ ފަސް މިނެޓު ފަހުން މެސީ ވަނީ އަނެއްކާ ވެސް ނުރައްކާތެރި ޝޮޓެއް ގެޓާފޭގެ ގޯލަށް އަމާޒު ކޮށްފަ އެވެ. ނަމަވެސް އެ ބޯޅަ ގެޓާފޭގެ ގޯލްކީޕަރު ވިންސެންޓް ވަނީ ދިފާއުކޮށްފަ އެވެ. މެޗުގެ ފަހު ވަގުތުކޮޅު ލަނޑެއް ކާމިޔާބު ކުރުމަށް ބާސާ ގަދައަޅާ މަސައްކަތް ކުރި ނަމަވެސް، މެޗު ނިމިގެން ގޮސްފައި ވަނީ ދެ ޓީމުންކުރެ އެއް ޓީމަށްވެސް ލަނޑެއް ކާމިޔާބު ނުރެވި އެވެ.

އެ މެޗުގެ ނަތީޖާއާ އެކު ބާސާ ނުތަނަސްކަމާއި ކުރިމަތިލާން ޖެހިފައިވާ އިރު، ގެޓާފޭ ވަނީ ލިބުނު ޕޮއިންޓާ އެކު ތާވަލްގެ 16 ވަނައަށް ޖެހިލާފަ އެވެ. ކުޅުނު 15 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވެފައިވާ ގެޓާފޭއަށް ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ކާމިޔާބު ކުރެވުނީ އެންމެ މެޗެކެވެ.