ކޮންމެ އަހަރަކު ވެސް ބޮޑު ޗުއްޓީއާ ދިމާކޮށް ގޯ މީޑިއާ އިން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މި އަހަރުގެ "ނައިޓް މާކެޓް" ރޭ ނިންމައިލައިފި އެވެ.

ގޯ މީިޑިއާގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް އާމިރު މިއަދު "ސަން" ވިދާޅުވީ، މިފަަަހަރު ނައިޓް މާކެޓަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އަދި މާލެ އަށް ދިމާވި ފެނުގެ މައްސަލައާ ގުޅިގެން ނައިޓް މާކެޓްގެ ދެ ރޭ ވިޔަފާރިތައް ކުޑަކޮށް ދަށަށް ދިޔަ ނަމަވެސް ފެނުގެ މައްސަލަ ހައްލަކަށް އެޅެން ފެށުމުން ބާޒާރަށް ގިނަ ބަޔަކު ޒިޔާރަތް ކުރި ކަމަށެވެ.

"ފެނުގެ މައްސަލަ ޖެހުނު ދުވަސްތަކުގައި ކޮންމެ ވެސް ވަރަކަށް މީހުން މަދު، އެހެން ނަމަވެސް އެ ދުވަސްތަކުގައި ވެސް ވަކި ވަގުތުތަކެއްގައި ވަރަށް ބާރު ބޮޑުވެގެން ދިޔަ، އަދި ފެން 24 ގަޑިއިރަށް ދޫކުރަން ފެށުމުން ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް މާކެޓަށް ލިބުނު،" އާމިރު ވިދާޅުވި އެވެ.

އާމިރު ވިދާޅުވީ މި އަހަރުގެ ނައިޓް މާކެޓަށް ޒިޔާރަތް ކުރި ކަސްޓަމަރުންގެ ތެރޭގައި ގިނައީ ބޮޑު ޗުއްޓީއަށާއި މާކެޓާއި ދިމާކޮށް މާލެ އައިސް ތިބި އެކި ރަށްރަށުގެ މީހުން ކަމަށެވެ.

ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ދިހަ ރޭ ވަންދެއް ކުރިއަށް ގެންދިޔަ އެ ނައިޓްމާކެޓްގައި ޖުމްލަ 450 މޭޒު ބަހައްޓާފައި ހުއްޓެވެ. އެ މާކެޓަކީ ކޮންމެ އަހަރެއްގެ ވެސް ސްކޫލް ބަންދާއި ބޮޑު ޗުއްޓީއާ ދިމާކޮށްގެން ބާއްވަމުން އަންނަ މާކެޓެކެވެ. މީގެ އިތުރުން ކޮންމެ އަހަރެއްގެ ރޯދަ މަހާއި ދިމާކޮށް ވެސް ގޯމީޑިއާ އިން ގެންދަނީ މަގުމަތީ ބާޒާރުގެ ނަމުގައި މައްޝޫރު ވެފައިވާ އެ މާކެޓް ބާއްވަމުންނެވެ.