ދިވެހިރާއްޖެ އާއި ޗައިނާއާ އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގައި ހިނގި އަލިފާނުގެ ހާދިސާގެ ސަބަބުން މާލޭގެ ރައްޔިތުން ފެނުގެ ދަތިކަން އިހުސާސްކުރަން ޖެހުމުން، މާލޭގެ ރައްޔިތުންނަށް ފެން ފޯރުކޮށްދިން ޗައިނާގެ އަސްކަރީ މަނަވަރު ޗަން ޝިންޑާއޯ އަށް ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުން އިއްޔެ ކުރެއްވި ޒިޔާރަތުގައި، އެ މަނަވަރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ސިޔާމް ވިދާޅުވީ، ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވެދެއްވި އެހީތެރިކަން ދިވެހި ރައްޔިތުން ބަލައިގަންނަ ކަމަށެވެ.

"މާލެ އަށް ދިމާވި ފެނުގެ ދަތިކަމާ ގުޅިގެން ޗައިނާ އިން ވެދެއްވި އެހީތެރިކަން ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ. ޗައިނާގެ ސަރުކާރުން ވެދެއްވި އެހީތެރިކަން ދިވެހި ރައްޔިތުން ވަނީ ބަލައިގަތްފައި. ޗައިނާ އާއި ރާއްޖެއާ އޮތް ގުޅުން ކުރިއަށް އޮތް ތަނުގައި އިތުރަށް ބަދަހިވެގެންދާނެ،" ސިޔާމް ވިދާޅުވި އެވެ.

ރާއްޖެ އިން ބައިވެރިވެފައިވާ، ޗައިނާ އިން ތަރައްގީ ކުރަން މަސައްކަތްކުރާ 21 ވަނަ ގަރުނުގެ މެރިޓައިމް ސިލްކް ރޫޓް (އެމްއާރްއެސް) އަށް އިޝާރާތްކުރައްވައި ސިޔާމު ވިދާޅުވީ، އެ ކަމުގެ ސަބަބުން ޗައިނާ އާއި ރާއްޖޭގެ އިތުރުން މުޅި އޭޝިއާ އަށް ވެސް ފައިދާ ލިިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، ޗައިނާ ސަރުކާރުގެ ފަރާތުން އެތައް މިލިއަން ޑޮލަރެއްގެ ވިޔަފާރި ރާއްޖޭގައި ކުރަމުން އަންނަ ކަމަށް ފާހަގަކުރައްވައި ޝިޔާމް ވަނީ، މާލެ އާއި ހުޅުލެއާ ދެމެދު އަޅަން ނިންމާފައިވާ ބްރިޖަށް ޗައިނާ ސަރުކާރުގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ފެހި ސިގްނަލެއް ދީފައިވާތީ އެކަމަށް ޓަކައި ޗައިނާ ސަރުކާރަށް ޝުކުރުއަދާކުރައްވާފަ އެވެ.

ޗައިނާގެ މަނަވަރުގައި އިއްޔެ އޮތް ބައްދަލުވުމުގައި ސަރުކާރު ހިންގާ ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ، ޗައިނާ އާއި ރާއްޖެއާ އޮތް ގުޅުމަށް 40 އަހަރު ވެފައިވާ އިރު، އެ ގުޅުން އަދުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ޗައިނާގެ ރައީސް، ޝީ ޖިންޕިންގެ ވެރިކަމުގައި ވަރުގަދަ ވަމުން އަންނަ ކަމަށެވެ.

ރާއްޖެ އަށް ފެން ފޯރުކޮށްދިން މަނަވަރުތަކަށް ސަރުކާރު ކޯލިޝަންގެ މަޖިލިސް މެމްބަރުން އިއްޔެ ކުރެއްވި ޒިޔާރަތުގައި ރާއްޖެ އަށް އެންމެ ފުރަތަމަ އެހީވެދޭން އައި އިންޑިއާގެ މަނަވަރު، އައިއެންއެސް ދީޕަކަށް ވެސް ޒިޔާރަތްކޮށްފައިވެ އެވެ.

އެގޮތުން، އެ މަނަވަރުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވަނީ މާލެއަށް ދިމާވި ފެނުގެ ދަތިކަމާ ގުޅިގެން ދިވެހި ރައްޔިތުންނަށް ވެދެއްވި އެހީތެރިކަމަށް ޓަކައި އިންޑިއާ އާއި އިންޑިއާ ސަރުކާރާ މެދު ފަހުރުވެރިވާ ކަމަށް ވިދާޅުވެފަ އެވެ.

"އިންޑިއާ އާއެކު އޮތް ގުޅުން މި ސަރުކާރާ އެކު ކުރިއަށް އޮތްތާގައި ދާނީ އިތުރަށް ވަރުގަދަ ވަމުން. ރާއްޖެއަކުން އިންޑިއާ އަކާ ދުރެއް ނުވެވޭނެ. އިންޑިއާ އަކީ އަވަށްޓެރި ގައުމެއް. މިއީ އާއިލާއެއް،" ސިޔާމް ވިދާޅުވި އެވެ.

އެގޮތުން، އިންޑިއާ އިން ރާއްޖެ އަށް ވެދެއްވި އެހީތެރިކަމަށް ދިވެހި ސަރުކާރާއި އެމްޑީއޭގެ ފަަރާތުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ސިޔާމް ވަނީ އިންޑިއާ އަށް ޝުކުރުއަދާކުރައްވާފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނިހާން ވިދާޅުވީ، އިންޑިއާގެ ރައްޔިތުންނާއި ރާއްޖޭގެ ރައްޔިތުން ތިބީ ގުޅިފައި ކަމަށެވެ. އަދި މާލެއަށް ދިމާވި ފެނުގެ ދަތިކަމަށް ފުރަތަމަ އެހީތެރިވި ގައުމަކީ އިންޑިއާ ކަމަށް ފާހަގަކުރައްވައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ އަށް ނިހާން ޝުކުރުއަދާކުރެއްވި އެވެ.