އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އެ ދެ ޓީމް ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ތާވަލްގެ އެއްވަނަ އަދި ދެވަނަ މަގާމުގައި ޗެލްސީ އާއި މެންޗެސްޓާ ސިޓީ އަނެއްކާވެސް ލީޑު ފުޅާކޮށްލައިފި އެވެ.

ރޭ ޗެލްސީ ކުޅުނު މެޗުގައި އެ ޓީމް ބައްދަލުކުރީ ހަލް ސިޓީ އާ އެވެ. އެ މެޗު ޗެލްސީ ކާމިޔާބުކުރީ 2-0ގެ ނަތީޖާއަކުންނެވެ. މެޗު ފެށިތާ ހަތް މިނެޓުތެރޭ ޗެލްސީ އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްފައިވާ އިރު، އެ ލަނޑު ކާމިޔާބުކޮށް މެޗުގައި ޗެލްސީއަށް ލީޑު ނަގައިދިނީ އެ ޓީމްގެ އެޑެން ހަޒާޑް އެވެ.

ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި ޗެލްސީއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 68 ވަނަ މިނެޓުގައި އެ ޓީމްގެ ޑިއޭގޯ ކޯސްޓާ އެވެ. ހަލް ސިޓީ ވަނީ އެ މެޗުގައި ރެފްރީގެ ނިންމުންތަކާ މެދު ހިންހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗުގެ 60 ވަނަ މިނެޓުގައި އެ ޓީމްގެ ޓޮމް ހަޑްލްސްޓަން އަށް ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލެވެނު އިރު، އެ ޓީމްގެ ކުޅުންތެރިން ވަނީ ޗެލްސީގެ ވިލިއަން އާއި ޑިއޭގޯ ކޯސްޓާ ފުރަތަމަ ހާފްގައި ޑައިވް ކުރި ކަމަށް ރެފްރީ ނިންމި ނިންމުމުގައި އެ ދެ ކުޅުންތެރިންނަށް ރަތް ކާޑެއް ނުދެއްކި މައްސަލަ ޖައްސާފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ގިނަ ކާޑުތަކެއް ފެނިގެން ދިޔަ އެ މެޗު ނިމިގެން ދިޔައީ ޗެލްސީ ކޮޅަށެވެ. އެ ނަތީޖާއާ އެކު ހަލް ސިޓީ މުބާރާތުގެ ރެލިގޭޝަން ޒޯނަށް ވެއްޓިފައިވާ އިރު، ޗެލްސީ ވަނީ 39 ޕޮއިންޓަށް ތާވަލްގެ އެއްވަނައިގައި އެ ޓީމްގެ ލީޑު ފުޅާކޮށްލާފަ އެވެ.

ރޭ މެންޗެސްތާ ސިޓީ ކުޅުނު މެޗުގައި އެ ޓީމާ ވާދަކުރީ ލެއިސެސްޓާ ސިޓީ އެވެ. އެ މެޗު މެންޗެސްޓާ ސިޓީ ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި މެންޗެސްޓާ ސިޓީގެ އެންމެ ރަނގަޅު ފޯމް ފެނިގެން ގޮސްފައި ނުވާ އިރު، އެ ޓީމަށް ކާމިޔާބު ކުރެވުނު ހަމައެކަނި ލަނޑު މެޗުގައި ފެނިގެން ދިޔައީ ފުރަތަމަ ހާފް ނިމެން ފަސްމިނެޓަށް ވެފައި ވަނިކޮށެވެ. އެ ލަނޑު މެންޗެސްޓާ ސިޓީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމްގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑް އެވެ.

އެ މެޗުގައި ދެ ޓީމްގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ގިނަ އިރު ބޯޅަ ހިފައްޓައިން ގިނަ ހަމަލާތަކެއް އުފައްދާފައި ވަނީ މެންޗެސްޓާ ސިޓީ އެވެ. އެ މެޗުގެ ނަތީޖާއާ އެކު އެ ޓީމް 36 ޕޮއިންޓަށް ތާވްލްގެ ދެވަނައިގައި ލީޑު ފުޅާކޮށްލާފައިވާ އިރު، ލެއިސެސްޓާ ސިޓީ ވަނީ 10 ޕޮއިންޓާ އެކު މުބާރާތުގެ ތާވަލްގެ އެންމެ ފުލަށް ވެއްޓިފަ އެވެ.