ސްރީލަންކާގައި އަންނަ މަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް، މިހާރުގެ ރައީސް މަހިންދަ ރާޖަޕަކްސާ ޕްރޮމޯޓްކޮށް ޕްރޮގްރާމްތައް ނުފޮނުވުމަށް ސްޓޭޓް ޓީވީ ނެޓްވޯކްތަކަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނަރު އަންގަވައިފި އެވެ.

ސްރީލަންކާގެ ދަ ނިއުސް ސެންޓްރަލް އިން ހުކުރު ދުވަހު ބުނީ، އެ ގައުމުގެ ސްޓޭޓް ނެޓްވޯކްތަކުން ފާޅުގައި ރައީސް ރާޖަޕަކްސާ އަށް ކެމްޕޭންކޮށްދޭ ކަމުގެ ޝަކުވާ މިނިވަން މޮނިޓަރުންގެ ފަރާތުން ކޮމިޝަނަރު އޮފް އިލެކްޝަންސް މަހިންދާ ޑެޝްއަޕްރިޔާއާ އަށް ލިބޭ ކަމަށް ކޮމިޝަނަރު ވިދާޅުވެފައިވާ ކަމަށެވެ.

"މިއީ އިންސާފުވެރި އަދި މިނިވަން އިންތިހާބަކަށް ހުރަސްއެޅޭ ކަންކަން،" ކޮމިޝަނަރު ސްޓޭޓް ޓީވީ ނެޓްވޯކްތަކަށް ފޮނުވި ސިޓީގައިވެ އެވެ. އަދި އެ ސިޓީގެ ކޮޕީ ވަނީ އޭއެފްޕީ އަށް ވެސް ލިބިފަ އެވެ.

ސްރީލަންކާގެ 20 މިލިއަން މީހުންނަށް ސީދާ ގޮތެެއްގައި ފޯރަނީ ސްޓޭޓް ދެ ބްރޯޑްކާސްޓަރުންގެ އަޑާއި މަންޒަރެވެ.

ކޮމިޝަނަރު ވިދާޅުވެފައި ވަނީ "ސެންސިޓިވް މެޓީރިއަލް" ބްރޯޑް ކާސްޓް ކުރުމުގެ ކުރިން އޭނާގެ ލަފާ ހޯދުމަށެވެ. އަދި އެ މުއައްސަސާތައް ހިންގަވާ ވެރިންނަށް އިންޒާރުދީފައި ވަނީ އެ ނޫން ގޮތަކަށް އަމަލުކުރައްވާ ފަރާތްތަކުން އެ ކުރާ ކަން ކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

ރައީސް ރާޖަޕަކްސާ ވެރިކަމަށް ވަޑައިގަތީ 2005 ވަނަ އަަހަރު އެވެ. އަންނަ މަހު 8 ވަނަ ދުވަހު އޮންނަ އިންތިހާބަކީ އެ މަނިކުފާނު ވިދިވިދިގެން ތިން ވަނަ ފަހަރަކަށް ވެރިކަމަށް ވާދަ ކުރައްވާ ފަހަރެވެ.

ރިޔާސީ ދައުރުން ދެ އަހަރު ބާކީ އޮއްވައި ރައީސް ރާޖަޕަކްސާ އަވަސް އިންތިހާބަކަށް އިއުލާން ކުރެއްވީ ސެޕްޓެބަރު މަހު އޮތް ޕްރޮވިންސް އިންތިހާބުގައި އޭނާގެ ތާއީދު ކުރިއަށް ވުރެ، 21 ޕަސެންޓް ދަށަށް ދިއުމުންނެވެ.

ރާޖަޕަކްސާ އަށް ވަނީ ކުރިން ހީކުރެއްވި ގޮތާ ހިލާފަށް އިންތިހާބުގައި ސީރިއަސް ޗެލެންޖެކާ ކުރިމަތިލައްވަން ޖެހިވަޑައިގެންފަ އެވެ. އެއީ އެނގިވަޑައިގަތުމަކާ ނުލައި އޭނާގެ ކުރީގެ ހެލްތު މިނިސްޓަރު މައިތިރި ޕާލާ ސިރިސޭނާ އިދިކޮޅު ފަރާތްތަކުގެ ތާއީދާ އެކު އިންތިހާބުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނެވުމުންނެވެ.

ލޯކަލް މޮނިޓަރުންނާ ހަވާލާދީ ދަ ނިއުސް ސެންޓްރަލް އިން ބުނީ ސަރުކާރުގެ ވެހިކަލްތަކާއި އަދި މީހުން ރާޖަޕަކްސާގެ ކެމްޕޭންހައި ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ބުނީ ދައުލަތުގެ މުވައްޒަފުން ރާޖަޕަކްސާ އަށް ކެމްޕޭން ކޮށްދޭ މައްސަލަތަކުގެ މައުލޫމާތު އެއްކުރަމުން އަންނަ ކަމަށާއި ފަހުން އެ މައްސަލަތައް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.