14 Dec 2014, 12:02
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އަންނަ އަހަރުގެ ޖެނުއަރީގައި ބާއްވަން ހަމަޖެހިފައިވާ ޔޫތު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ފަސްކޮށްފިއެވެ.
އެފްއޭއެމުން ނެރުނު ބަޔާނެއްގައި ވަނީ އަންނަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ފެށުމަށް އެ އެސޯސިއެޝަނުން ހަމަޖެއްސި ޔޫތު ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އެހެން ތާރީޚަކަށް ފަސްކޮށްފައިވާ ކަމަށާއި އެ މުބާރާތް ދެން ބާއްވާނެ ތާރީޚެއް ފަހުން އިއުލާނު ކުރާނެ ކަމަށެވެ.
އެކަމާ ގުޅޭގޮތުން 'ސަން' އަށް މައުލޫމާތުދެއްވަމުން އެފްއޭއެމްގެ އޮފިޝަލަކު ވިދާޅުވީ އެ މުބާރާތް ފަސްކުރަން ނިންމީ އެ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީން ކަމަށެވެ. އަދި އެ މުބާރާތް އެހެން ތާރީޚަކަށް ފަސްކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ފުޓްބޯޅަ ކަލަންޑަރު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތުގެ ތެރެއިން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އެ މުބާރާތް ލަސްކުރެވިގެން މި ދަނީ 2015 ގެ ފުޓްބޯޅަ ކަލެންޑަރު ރީސްޓްރަކްޗާ ކުރުމުގެ މަސައްކަތުގެ ތެރެއިން. އެއީ އެފްއޭއެމްގެ އެކްސްކޯ [ހިންގާ ކޮމިޓީ] ގެ ނިންމުމެއް. 2015 ގައި އެފްއޭއެމުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތްތަކާއި މެޗުތައް އަލުން ތާވަލްކޮށް، އެފްއޭއެމްގެ 2015 ގެ ފުޓްބޯޅަ ކަލަންޑަރަށް ބަދަލުތަކެއް ގެންނެވުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށް މި ގެންދަނީ މުބާރާތްތަކުގެ އިންތިޒާމްތައް އިތުރަށް ފުރިހަމަ ކުރުމަށާއި، މުބާރާތްތައް އިތުރަށް ފޯރި ގަދަކުރަން،" އޮފިޝަލް ވިދާޅުވިއެވެ.
މިމަހުގެ ކުރީކޮޅު އެފްއޭއެމްގެ ހިންގަ ކޮމިޓީ އުވާލައި، އެ އެސޯސިއޭޝަން ހިންގުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާ އިން ވަނީ އިންތިގާލީ ކޮމިޓީއެއް އައްޔަން ކޮށްފައެވެ. އަދި މިމަހުގެ ހަތަރަކުން ފެށިގެން އެ ކޮމިޓީ އެފްއޭއެމް ހިންގުމާ ރަސްމީކޮށް ހަވާލުވެފައި ވާއިރު، އެ ކޮމިޓީގެ މައްސޫލިއްޔަތު ތަކުގެ ތެރޭގައި އެފްއޭއެމްގެ އަސާސީ ގަވައިދު އިސްލާހުކޮށް، ފީފާއިން ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން އެ އެސޯސިއޭޝަންގެ ކޮންގްރެސް ބޭއްވުން ހިމެނެއެވެ.