14 Dec 2014, 11:54
ރެޑްބުލް ވިނިންގް ފައިވް ގައުމީ މުބާރާތުގެ ފައިނަލް މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ޗެންޕިއަންކަން އެލްޕީ އަންޑަ ޑޯގްސް ކާމިޔާބު ކޮށްފިއެވެ.
އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ ފައިނަލް މެޗުގައި އެލްޕީ އަންޑަ ޑޯގްސްއާ ވާދަކުރީ ޓީނޭޖް ޖޫނިއާސް އެވެ. އެލްޕީ އަންޑަ ޑޯގްސް ވަނީ އެ މެޗު ފެށިތާ މިނެޓެއް ތެރޭ އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި މެޗުގައި އެ ޓީމްގެ ދެވަނަ ލަނޑު އެ ޓީމުން ކާމިޔާބު ކުރީ މެޗުގެ ހަވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ.
މިދިޔަ އަހަރު ބޭއްވި ރެޑްބުލް ވިނިންގް ފައިވް ގައުމީ މުބާރާތުގައި އެލްޕީ އަންޑަ ޑޯގްސް ވަނީ ރަނަރަޕްގެ މަގާމް ހޯދާފައެވެ. އަދި މިއަހަރުގެ މުބާރާތުގެ މާލެ ކޮލިފައިން ބުރުގައިވެސް އެ ޓީމަށް ލިބިފައި ވަނީ ރަނަރަޕްގެ މަގާމެވެ. މިއަހަރުގެ ގައުމީ މުބާރާތުގެ ޗެންޕިއަންކަން އެލްޕީ އަންޑަ ޑޯގްސް މި ކާމިޔާބުކުރީ މުބާރާތުގެ މާލެ ކޮލިފައިން ބުރުގައި ޗެންޕިއަންކަން ހޯދި ޓީނޭޖް ޖޫނިއާސްއާ ބައްދަލުކޮށްގެނެވެ.
މުބާރާތުގެ ފައިނަލް މެޗަށްފަހު ޗެންޕިއަން ޓީމަށާއި ރަނަރަޕް ޓީމަށް ޝީލްޑާއި އިނާމް ހަވާލުކޮށްދެއްވީ ކުޅިވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށްދެއްވި ނިޝާން އިއްޒުއްދީނުގެ ލަގަބް ލިބިފައިވާ މުހައްމަދު ޒާހިރު ނަސީރު އެވެ. އެ މުބާރާތުގެ ޗެންޕިއަން ޓީމަށް ލިބޭ ޝީލްޑުގެ އިތުރުން، އޮސްޓްރިއާއަށް ދަތުރުކޮށް އޮސްޓްރިއާގެ ބުންޑަސްލީގާ ކާމިޔާބުކުރި ޓީމު ކަމަށްވާ އެފްސީ ރެޑްބުލް ސެލްސްބާގްގެ ސްޓޭޑިއަމްއަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް ވަނީ ލިބިފައެވެ.
މިދިޔަ މަހުގެ 14 ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ ރެޑްބުލް ވިނިންގެ ފައިވް މުބާރާތް މިއީ ރާއްޖެގައި ބާއްވާ ދެވަނަ އަހަރެވެ. މި އަހަރު އެ މުބާރާތުގެ ކޮލިފައިން ބުރުތައް ރާއްޖޭގެ ހަ ސަރަހައްދެއްގައި ބާއްވާފައި ވާއިރު، މުބާރާތުގެ ގައުމީ ފައިނަލްގައި ވާދަކޮށްފައި ވަނީ ކޮލިފައިން ރައުންޑް ތަކުގެ ޗެންޕިއަން ޓީމްތަކާއި ރަނަރަޕް ޓީމް ތަކެވެ.
ފުޓްބޯޅައާ އެއްގޮތް ސިފަތަކެއް ހުންނަ އެ ކުޅިވަރަށް ރާއްޖޭގެ ޒުވާނުންގެ ފަރާތުން އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން މިއަހަރުގެ ރެޑްބުލް ވިނިންގް ފައިވް މުބާރާތުގެ ކޮލިފައިން ރައުންޑުތަކުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 150 އަށްވުރެ ގިނަ ޓީމް ބައިވެރިވެފައި ވެއެވެ.